ޚަބަރު

ދިވެހިންގެ ބައިސްކޯފުގެ "އޮލިމްޕަސް" ޚިދުމަތުގައި 60 އަހަރު


ދިވެހިންގެ ބައިސްކޯފުގޭގެ ގޮތުގައި މެދު ކެނޑުމެއްނެތި އެންމެ ގިނަދުވަސް ވެގެންގޮސްފއިވާ "އޮލިމްޕަސް" މިވަނީ ފިލްމު ދެއްކުމާއި މުނިފޫހިފިލުވުމުގެ ހަފްލާތައް ބޭއްވުމުގައި މެދު ނުކެނޑި ފަސްދޮޅަސް އަހަރު ހޭދަކޮށްފައެވެ.

އޮލިމްޕަހަކީ 1960ގައި ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި ފުރިހަމަ ބިނާއެވެ. ޢިމާރާތަށް ބެލިޔަސް އޮލިމްޕަސް ވެގެންގޮސްފައިވަނީ އޭރު މާލޭގެ އެންމެ ފުރިހަމަ ބިނާއަށެވެ.

އޮލިމްޕަސް ހަދާފައިވަނީ އެޒަމާނުގައި މާލޭގައި ފިލްމު ދެއްކުމާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގުމަށް ބޭނުންކުރި "ފަރީދީ ސިނަމާ"އަށްވުރެ ފުރިހަމަ ބައިސްކޯފުގެއެއް ރާއްޖޭގައި ހުންނަން ޖެހޭނެކަމަށް ސަރުކާރަށް ޤަބޫލުކުރެއްވިގެންނެވެ. 1957ވަނަ އަހަރު ފެށި އައު ބައިސްކޯފުގެ "އޮލިމްޕަސް"ގެ މަސައްކަތް ނިންމައި އެތަން ރަސްމީކޮށް ހުުޅުވާފައިވަނީ 21މެއި 1959ވީ ބުރާސްފަރި ވިލޭރޭ، ނުވަތަ 20މައި 1959ވަނަ ދުވަހުގެ ރެއެވެ.

މިޢިމާރާތް ހުޅުއްވަވައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް، ކީރިތި މަހާރަދުންނެވެ. އޮލިމްޕަސް ހުޅުވާފައިވަނީ އޭރު ސިނަމާއަކަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކުއެވެ.

އޮލިމްޕަސް ހުޅުވުމަށްފަހު ފުރަތަމަ ދައްކަން ފަށާފައިވަނީ ހިންދުސްތާނު ފިލްމުތަކެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އިނގިރޭސި ފިލްމުތައްވެސް އެޅުވިއެވެ. އެޢިމާރާތް މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ހިންގުމަށްވެސް ބޭނުންކުރެއެވެ. އެގޮތުން އޭރު އޮލިމްޕަހުގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އަދި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ އެއްކަމަކީ "އޮލިމްޕިއަންސް" މިއުޒިކް ބޭންޑްގެ ޝޯތަކެވެ.

އޮލިމްޕަހުގައި ދިވެހި ފިލްމްތައް ދައްކަން ފެށީ 1980ގެ އަަހަރުތަކުގައެވެ. މީގެއިތުރުންވެސް މުނިފޫހިފިލުވުމުގެ އެކި ޙަރަކާތްތަކަށް އޮލިމްޕަސް ބޭނުންކުރެއެވެ. އެގޮތުން ތަމްސީލްތަކާއި، ސްޓޭޖު ޝޯވތައްވެސް އޮލިމްޕަހުގައި ބާއްވަމުން ދިޔައެވެ. އޮލިމްޕަހުގެ ޙަރަކާތްތަކުގެ ތެރެއިން 1990ގެ އަހަރުތަކުގައި އޮލިމްޕަހުގައި ސްކޫލްކުދިންގެ ލަވަކިޔުމުގެ މުބާރާތް ބާއްވަންފެށިއެވެ.

އޮލިމްޕަހަކަކީ މިގޮތަށް ބޭނުންކުރުމަށް މާލޭގައި، އަދި ރާއްޖޭގައިވެސް އޭރުހުރި މިފަދަ ޚާއްސަ ހަމައެކަނި ތަނެވެ. މިހާރުވެސް ހަމައެކަނި ދިވެހި ފިލްމު އެޅުވުމަށް ޚާއްސަ ސިނަމާއެއްގެ ގޮތުގައި ރާއްޖޭގައިި ހުރި ތަނަކީވެސް އޮލިމްޕަހެވެ.

ނަމަވެސް އޮލިމްޕަސް 1959ވަނަ އަހަރު ހުޅުވީއްސުރެ ފަންސާހަކަށް އަހަރުވީއިރުވެސް، އެތަން އެންމެ އެކަށީގެންވާ ގޮތުގައި ބަލަހެއްޓިފައެއް ނުވާކަމުގެ ޝަކުވާ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ފާހަގަކުރެއެވެ.

ބޮޑު ބަދަލުތަކަކާއެކު އެންމެ ފަހުން އޮލިމްޕަސް މަރާމާތުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. އެއަހަރު އޮލިމްޕަސް ވަކި މުއްދަތަކަށް ބަންދުކޮށް، މުޅި ޢިމާތުގެ ހަލާކުވެފައިވާ ތަންތަން ހެދުމާއި، ކުލަލުމާއި، ހަލާކުވެފައިހުރި ވަސީލަތްތައްވެސްވަނީ އަލުން ހަދައި ބޭނުންކުރަން ފަށާފައެވެ. އޮލިމްޕަހުގެ އެތެރޭގައި ޝޯވތައް ބަލަން ތިބޭއިރު ހޫނުގަދަވުމުގެ ސަބަބުން އާއްމުންކުރާ ޝަކުވާ ޙައްލުކުރުމަށް އޮލިމްޕަހުގައި އެއަރކޯން ހަރުކޮށް، އެތެރޭގެ ގޮނޑިތައްވެސް މިފަހަރުވަނީ ބަދަލުކޮށްފައެވެ.

މިމަސައްކަތް ކޮށްފައިވަނީ "ނޭޝަނަލް ސެންޓަރ ފޯރ ދި އަރޓްސް"އިންނެވެ. އޮލިމްޕަހަށް ބޭނުންވާ ބަޖެޓު ނެތުމަކީ ފަހަކަށްއައިސް އޮލިމްޕަސް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އޮތް މައިގަނޑު ދަތިތައް ކަމުގައި އެންސީއޭއިން ފާހަގަކުރައްވައެވެ. ނަމަވެސް ބަޖެޓު ލިބޭވަރަކުން އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތް އެންސީއޭއިން ކުރެއެވެ. އެގޮތުން އޮލިޕަސް މަރާމާތުކުރުމަށް މިހާރުވެސް އެންސީއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.