ކުޅިވަރު

ރެއާލްގައި މަޑުކުރަން ޓޮނީ ކްރޫސް ނިންމައިފި


2023ގެ ނިޔަލަށް ރެއާލް މެޑްރިޑުގައި މަޑުކުރަން ޖަރުމަންގެ މިޑްފިލްޑަރ ޓޮނީ ކްރޫސް ނިންމައިފިއެވެ.

29 އަހަރުގެ ކްރޫސް ރެއާލް މެޑްރިޑުގައި މަޑުކުރަން ނިންމިއިރު އެކުލަބުންވަނީ ސީނިއަރ ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމާފައެވެ. ޒިދާން ދެވަނަ ފަހަރަށް ކޯޗުކަމާއި ހަވާލްވެ ކުލަބަށް ބޮޑެތި ބަދަލްތަކެއް ގެންނަން ފަށާފައިވާއިރު، ޕްރީ ސީޒަން ފެށުމުގެ ކުރިން އޭނާ ބޭނުންވާ ކުޅުންތެރިން ޓީމަށް ގެންނާނެކަމަށް ބެލެވެއެވެ.

އަދި ކުލަބުގައި ބަހައްޓަން ބޭނުންވާ ކުޅުންތެރިންގެ ކޮންޓްރެކްޓް ޒިދާންވަނީ އާކުރަން ފަށާފައެވެ. މިގޮތުން ޓޮނީ ކެޕްޓަން ރާމޯސް، ރަފައެލް ވަރާން، މާސެލޯގެ އިތުރުން ކްރޫސް އަދި ކަރީމް ބެންޒެމާއަކީ ކޯޗު ބަހައްޓަން ބޭނުންވާ އެންމެ ސީނިއަރ ކުޅުންތެރިންނެވެ. ޖަރުމަންގެ ބަޔާން މިޔުނިކުން ޓޮނީ ކްރޫސް ރެއާލްއަށް ބަދަލުވީ 2014ވަނަ އަހަރުއެވެ. އޭގެ ފަހުން އެކުލަބާއިއެކު ކްރޫސްވަނީ 11 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ހޯދި ތިން ޗެމްޕިއަންސް ލީގުގެ ތަށި ހިމެނެއެވެ.

އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ޓޮނީ ކްރޫސް ބުނީ ކުލަބުގައި މަޑުކުރީ ކޯޗު ޒިދާންއާއި ވާހަކަދެއްކުމަށްފަހުކަމަށާއި، ކުލަބާއިއެކުވެސް ރަނގަޅު ކުޅުމެއް އެބައޮތްކަމަށެވެ. މި ސީޒަންގައި ކުލަބަށް ރަނގަޅު ނަތީޖާއެއް ނުނެރެވުމުން އަންނަ ސީޒަނަށް ރަނގަޅަށް ތައްޔާރުވާނެކަމަށްވެސް މިޑްފިލްޑަރ ކްރޫސް ބުންޏެވެ