ކުޅިވަރު

ޔުވެންޓަސްގެ ކޯޗަކަށް ސަރީ ގެންނަނީ!


ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމަށް ޗެލްސީގެ ކޯޗު ސަރީ ގެންނަން މަޝްވަރާތައް ފަށައިފި އެވެ.

ޔުވެންޓަސްގެ ކޯޗުކަމުން މަސިމިލިއާނޯ އެލެގްރީ ވަކިކުރަން ނިންމީ ފަސް ސީޒަނަށްފަހުއެވެ. އެލެގްރީގެ ބަދަލުގައި އެމަގާމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ޔުވެންޓަސްއިން ފަށާފައިވާއިރު، އެންމެ ގިނަ ބަޔަކު ބުނަނީ އެ ފުރުސަތު ލިބޭނީ ޓޮޓްނަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށްކަމަށެވެ.

އެހެންނަމަވެސް ޔުވެންޓަސްގެ ފުރަތަމަ ހުށަހެޅުން ލިބުނީ ޗެލްސީގެ ކޯޗު ސާރީއަށެވެ. އިޓަލީގެ ކުލަބުތަކަށް 29 އަހަރު އިރުޝާދުދިނުމަށްފަހު ސާރީ ޗެލްސީއާއި ހަވާލްވީ މިދިޔަ އަހަރެވެ.

އެހެންނަމަވެސް އޭނާގެ ކޯޗިންގ ސްޓައިލަށް ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެ މަގާމުން ވަކިކޮށްފާނެކަމުގެ ބިރާއިވެސްވަނީ ކުރިމަތިވެފައެވެ. ޗެލްސީން ސާރީގެ ބަދަލުގައި ކޯޗެއް ހޯދަން ނުފެށި ނަމަވެސް ޔުވެންޓަސްއިންވަނީ ސާރީގެ އޭޖެންޓާއި ގުޅައި މަޝްވަރާތައް ފަށާފައެވެ.

ސަރީ ޗެލްސީ ދޫކޮށް ޔުވެންޓަސްއަށްދާން އެއްބަސްނުވެއްޖެނަމަ އެ މަގާމަށް ޔުވެންޓަސްއަށް ގެންދިޔުން އެންމެ ގާތީ ލާޒިއޯގެ ކޯޗު ސިމޯން އިންޒާގީކަމަށް ބެލެވެއެވެ. އިޓަލީގެ ނޫސްތަކުން ބުނާ ގޮތުން އިންޒާގީއާއިއެކު 5 ކޯޗަކު ޔުވެންޓަސްއިންވަނީ ޝޯޓްލިސްޓުކޮށްފައެވެ. އެއީ އެޓްލާންޓާގެ ކޯޗު ގިއާން ގަސްޕެރީނީ، ޓޮޓްނަމްގެ ކޯޗު ޕޮޗެޓީނޯ، އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނޭ އަދި މިވަގުތު ކުލަބެއް ނެތި ހުސްކޮށްހުރި ޚޯސޭ މޮރީނިއޯއެވެ.