މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ސިސިލްފަރު ގްރޫޕަށް ހުއްދަ ނުދިން މައްސަލަ އެ ޖަމާއަތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފިއެވެ.
ސިސިލްފަރަށް ހައްޖު ކޯޓާ ނުލިބުނު މައްސަލާގައި އެ ގްރޫފްގެ ފަރާތުން އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ދައުވާ ކުރާ މައްސަލާގައި ވަކާލާތުކުރައްވާ ވަކީލު ވިދާޅުވީ ހައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަން އަމަލެއް ހިންގާފައިވާކަމަށް ބެލެވޭތީ އެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވާކަމަމަށެވެ. އަދި ހައްޖު ކޯޓާ ދިނުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގައި ހުރި ލިޔެކިޔުންތައް އޭސީސީން ގެންގޮސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިސިލްފަރުން ހުށައަޅާފައިވާ މައްސަލަ ބަލަމުން އަންކަމަށްވެސް އޭސީސީން ބުނެއެވެ.
ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށްބުނެ ސިސިލްފަރުން ވަނީ މިމައްސަލަ ސިވިލްކޯޓަށްވެސް ހުށައަޅާފައެވެ. އަދި ހައްޖަށް ގެންދިޔުމަށް އަމިއްލަ ޖަމާއަތްތަކަށް ކޯޓާ ކަނޑައެޅި ގޮތް ބާތިލުކުރުމަށް ސިސިލްފަރުން ދައުވާ ކުރި މައްސަލައިގެ އަޑުއެހުންތައްވެސް ސިވިލްކޯޓުގައި މިހާރުވަނީ ފަށާފައެވެ. މިއަދުވެސް އެމައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރުމަށް އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން، ޙައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް ސިސިލްފަރުން ވަނީ އެދިފައެވެ.
ސިސިލްފަރުން ިއސްލާމިކް މިނިސްޓާރީއާއި ދެކޮޅަށް ސައުވާ ކުރި މައްސަލައިގެ ޝަރީއަތް ފަށާފައިމިވަނީ ޝަރީއަތުން ބޭރުގައި މި ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް މާކްސް ދިނުމުގައި އެއްވެސް އޮޅުވާލުމެން ނޯންނާނެކަމަށެވެ. ޙައްޖަށް މީހުން ގެންދިއުމުގައި މާކްސް ދީފައިވަނީ އަގަށް 35 އިންސައްތައެވެ. ޚިދުމަތަށް 60 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައިގެ މަގުން މާކްސް ދީގެންނެވެ.
ހައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދި ހުށައެޅި 18 ކުންފުންޏަކުން ހުށައެޅިއެވެ. އޭގެތެރެއިން މި އަހަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި އެކު 6 ކުންފުންޏަކަށެވެ.
މި އަހަރު ހައްޖަށް ގެންދިތުމުގެ ހުއްދަދިން އަމިއްލަ ޖަމާއަތްތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑާއި އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
ހުއްދަދިން ގްރޫޕްތަކުން ހައްޖަށް މީހުންގެ ގެންދިޔުމަށް ޖާގަ ދޫކޮށް ފައިސާ ނެގުމާއި އެކު ހައްޖުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައްވަނީ ފަށާފައެވެ.