ސިއްހަތު

އާއިލީ ޑޮކްޓަރުންގެ ހިދުމަތާއިގުޅޭ އުސޫލެއް ނެރެފި


އާއިލީ ޑޮކްޓަރުންގެ ޚިދުމަތް މާލެއަށް ތަޢާރަފްކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް މިނިސްޓްރީ އޮފް ހެލްތްގައި ރަޖިސްޓަރީވުމުގެ ފުރުސަތު އެމިނިސްޓްރީން ހުޅުވާލައިފިއެވެ.ހެލްތު މިނިސްޓްރީން ވަނީ އާއިލީ ޑޮކްޓަރުންގެ ހިދުމަތުގައި އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ބައިވެރިވާނެ ގޮތުގެ އުސޫލުވެސް އާންމުކޮށްފައެވެ. މި އުސޫލްގައިވާގޮތުން އާއިލީ ޑޮކްޓަރުންގެ ހިދުމަތުގައި ބައިވެރިވާ ކްލިނިކުތަކަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލިނިކުތަކަކަށް ވާންޖެހޭއިރު އެތަންތަނަށް މި ހިދުމަތުގައި ބައިވެރިވެވޭނީ ފޯމެއް ހުށައަޅައި މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމަކަށްފަހުގައެވެ. އަދި އާއިލީ ޑޮކްޓަރެއްގެ ގޮތުގައި އެއް ޑޮކްޓަރަކަށް ހިދުމަތްދެވޭނީ އެއް ސިއްހީ ހިދުމަތްދޭ ތަނެއްގައިކަމަށާއި އާއިލީ ޑޮކްޓަރުންގެ ހިދުމަތަށް އެދޭ މީހުން ރަޖިސްޓްރީ ކުރާނީ އެކްލިނިކެއްގައި އާއިލީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.ހެލްތު މިނިސްޓްރީން އާއްމުކުރި އުސޫލްގައިވާގޮތުން އާއިލީ ޑޮކްޓަރަށް ދެއްކުމަށްފަހު، ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އެ ޑޮކްޓަރު ލަފާ ދޭ ބަލި މީހުން، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ ކަަމަށެވެ. އަދި މިފަދަ ބަލި މީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އާސަންދައިގެ ހިދުމަތް ލިބޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އަމިއްލައަށް ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ބޭނުންނަމަ، އާސަންދައިގެ ދަށުން ނުދެއްކޭނެކަމަށްވެސް ހެލްތު މިނިސްޓްރީ އާއްމުކޮށްފައިވާ އުސޫލްގައިވެެއެވެ.ހެލްތު މިނިސްޓްރީން ބުނީ އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ފެށުމަށްޓަކައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށާއި ކުރިއަށް އޮތްތަނުގައި އާސަންދަ ޚިދުމަތް ލިބޭނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްގެންކަމަށެވެ.