ޚަބަރު

ފުލުހުންގެ އިންޒާރު- "ޑްރަގުގެ ވިޔަފާރި ހުއްޓުވަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން"


މާލޭގެ ބައެއް ގެތަކުގައި ޚިދުމަތެއްގެ ގޮތުގައި މަސްތުވާތަކެތި ވިއްކައި، އެތަންތަނުގެ ސެކިއުރިޓީ ވަރުގަދަކުރަމުންދާކަމަށާއި، އެކަން ހުއްޓުވުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސަރވިސުން ދެއްވައިފިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކޮށްފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭ ތަފާސް ހިސާބުތައް ހާމަކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.

ގްރޫޕްހަދައިގެން މަސްތުވާތަކެތި ބޭނުންކުރަމުންދާ މައްސަލަތަކާއި ގުޅިގެން ހިންގާފައިވާ އޮޕަރޭޝަންތަކާއި ކުރިއަށްގެންދާ ތަޙްޤީގުތަކުގެ ތަފާސް ހިސާބު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި، އުޅަނދުތަކުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން ގެ ސިޔާސަތުތަކަށް ގެނައި ބަދަލާއެކު، ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި، ޚިދުމަތެއްގެ ގޮތުގައި ކުރިއަށްގެންދާ މާލޭގެ ބައެއް ގެތަކާއި ޓެކްސީތަކާއި، ޕްރައިވެޓް ކާތުތަކުގެ މައުލޫމާތުވެސް އާންމުކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރޫޕްހަދައިގެން މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މަސްތުވާތަކެތި އާންމުކޮށް ބޭނުންކުރަމުންދާ ގެތަކުގައި އެކަން މިހާރުކުރަމުން އަންނަނީ ޚިދުމަތެއްގެ ގޮތުގައިކަމަށާއި، އެގެތަކުން މަސްތުވާތަކެތި ގަނެގެން އެތަކެތި އެތަނުގައި ބޭނުންކުރާގޮތަށް ކަންކަން ބައްޓަންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވެމުން މިއަންނަނީ ޚާއްސަގޮތެއްގައި މަސްތުވާތަކެތި އާންމުކޮށް މާލޭގައި ބޭނުންކުރަމުންދާ ބައެއް ގޭތަކުގައި އެކަން ޚިދުމަތެއްގެ ގޮތުގައި އެކަން ކުރެވެމުންދާތަން އެބަފާހަގކުރެވޭ. މަސްތުވާތަކެތި ގަނެގެން މަސްތުވާތަކެތި އެތަނުގައި ބޮއިގެން އެތަނުގެ ތެރެއިން އެހުރިހާ ޚިދުމަތެއްދޭ ގޮތަށް ކަންކަން ބައްޓަންވަމުން އަންނަކަން އަޅުގަނދުމެންނަށް އެބަފާގަކުރެވޭ" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވިއެވެ.

ފުލުހުން ވަނީ ތަފާތު އޮޕަރޭޝަންތަކުގައި ފާހަގަކުރެވުނު 4 ގެއެއްގެ ނަން ހާމަކޮށްފައެވެ. ފުލުހުން ވިދާޅުވީ، އެފަދަ އަމަލުތައް ގޭގެތަކުގެ ވެރިފަރާތުގެ ހުއްދަނެތި ހިންގޭނެކަމަށް ޤަބޫލުނުކުރެވޭކަމަށާއި، އެގޮތުން، ގ. ޕެލިކަން، ގ. މެމޮރީވިލާ، މ. އެވަރެއްސްޓްއާގެ އަދި މއ. ބޯކެޔޮގަސްދޮށުގޭގައި މަސްތުވާތަކެއްޗާއި ގުޅުންހުރި މުއާމަލާތްތައް ކުރާކަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އުދަގޫވާނެ ފަދަގޮތަކަށް އެތަންތަނުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެކިފަހަރުމަތިން މަސައްކަތްކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވިއެވެ. އަދި އެތަންތަނުގައި ވިޔަފާރި ކުރާއިރު އެކަންކަން އިސްތިހާރުކުރުމަށް މަސައްކަތްކޮށްފައި ހުންނަކަންވެސް ފާހަގަކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިގޮތަށް ސެކިއުރިޓީ ވަރުގަދަކުރިއަސް އަޅުގަނޑުމެން ދަންނަވާލަން އޮތީ މޯލްޑިވްސް ޕޮލިސް ސަރވިސުން އެސެކިއުރިޓީ ބްރީޗްކުރުމަށްޓަކައި ބޭނުންކުރަންޖެހޭ ހުރިހާ ވަސީލަތެއް، ހުރިހާ ފޯސްއެއް އަޅުގަނޑުމެން ބޭނުންކުރާނެކަން މިފަދަ ހާލަތްތަކުގައި. އަދި އެއަރ އެކުއެކީގައި އަޅުގަނޑުމެންގެ ތަހުޤީގު ބައްޓަންކުރެވިގެން މިދަނީ މިކަންކަން ކުރުމުގައި ގޭގެވެރިފަރާތެއްގެ ހުއްދަނެތި އެވަރުގެ ކަންތައްތަކެއް ނުކުރެވޭނެކަމަށް. އެހެންވީމަ ދައުވާއުފުލުމުގައި ގޭގެ ވެރިފަރާއް އޭގައި ޒިންމާކުރެވޭނެ ގޮތަކަށް ތަހްޤީގު ބައްޓަންވެގެން މިދަނީ"

މިނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބަނގުރަލުގެ ވިޔަފާރިކުރާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުން ގުޅިގެން އެވިޔަފާރިކުރަމުން އަންނަކަން ތަޙްޤީގަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން މިފަދަ ތިން މައްސަލައެއް މިއަރުގެ ފުރަތަމަ ކުއާޓަރުގައި ފެންމަތިވެފައިވާއިރު، މީގެ 2 ކޭސްގައި ޓެކްސީޑްރައިވަރުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޕްރައިވެޓް ކާރުތަކުގައިވެސް ބަނގުރާ އުފުލުމުގެ ކަންކަން ކުރާކަން ފުލުހުންވަނީ ފާހަގަކޮށްފައެވެ. ފުލުހުންވަނީ މިފަދަ ޕްރައިވެޓް ކާރުތަކުގެ ފޮޓޯއާއި، ކާރު ނަންބަރުތައްވެސް ހާމަކޮށްފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަސް ބަލާއިރު، މަސްތުގެ ހާލުގައި ތިބި 309 މީހެއްގެ މައްސަލައާއި، މަސްތުވާތަކެތި ޕެޑުލްކުރުމުގެ 274 މައްސަލައެއްގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 54 މައްސަލައާ، ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމުގެ 39 މައްސަލަ ވަނީ އެޑިޕާޓްމަންޓަށް ހުށައަޅާފައެވެ.

މިމައްސަލަ ތަކުގައި ހައްޔަރު ކުރެވުނު މީހުންގެ އަދަދަށް ބަލާއިރު، މަސްތުގެ ހާލުގައި ހުރި 345 މީހަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 111 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ޕެޑެލް ކުރުމުގެ މައްސަލާގައި 394 މީހުން ހައްޔަރުކުރިއިރު، ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެގެން 77 މީހުން ވަނީ ހައްޔަރުކޮށްފައިކަން ފުލުހުން ހާމަކުރެއެވެ.

އަދި މަސްތުވާތަކެތި ޓްރެފިކްކުރި 91 މީހެއްގެ ހައްޔަރުގެ މުއްދަތު ކޯޓުން އިތުރުކުރިއިރު، މަސްތުވާތަކެތި ޕެޑެލްކޮށްގެން 91 މީހުންނާއި، ބަނގުރަލުގެ މައްސަލާގައި ހިމެނޭ 29 މީހެއްގެ ބަންދުގެ މުއްދަތު މިދިޔަ ހަތަރު މަސްތެރޭގައި ވަނީ އިތުރުކޮށްފައެވެ. މީގެ ތެރޭގައި 56 ބިދޭސީންނާ، 35 އަންހެނުންނާއި، 9 ކުޑަކުދިން ހިމެނޭއިރު، 36 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުމުގެ މައްސަލަތަކުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ހައްޔަރުގައި ތިބީ 23 މީހުންނެވެ. ޓެރެފިކިން މައްސަލަތަކުގައި ކޯޓުތަކުން މިމުއްދަތުގައި 38 މީހުން ދޫކޮށްލާފައިވާއިރު، މިމައްސަލަތަކުގައި 10 ބިދޭސީއަކު ވަނީ ޑީޕޯޓްކޮށްފައެވެ.

މިއަހަރުގެ އޭޕްރީލްމަހުގައި ބޮޑެތި މައްސަލަތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރަކީ، 174.07 ކިލޯގްރާމެވެ. މީގެ ތެރެއިން އެންމެ ގިނައަދަދަކަށް މިމުއްދަތުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވައްތެއްކަމަށްވާ ހެރޮއިން އެެވެ. އެއީ 108.91 ކިލޯގްރާމެވެ.

2019 ވަނަ އަހަރުގެ މިނުމު ކުއާޓަރުގައި ޖުމްލަ 51 ކިލޯގެ މަސްތުވާތަކެތިވަނީ ނައްތާލާފައެވެ.