ޚަބަރު

ޢުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެން މީހާ ފެނިއްޖެ


ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެން މީހާ ފެނިއްޖެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ އަންހެން މީހާ ފެނުނު އިރު އެމީހާގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް ހޫނުގަދަވުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި އެ އަންހެން މީހާ ފެނިފައިވަނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5:00 ޖެހިއިރު މިނާ ސަރަޙައްދުން ކަމަށެވެ. އަދި އޭނާ ފެނުނު އިރު ހުރީ ޙަރަމްފުޅު ތެރެއިން ދިމާވި ބަޔަކާއެކުކަމަށްވެސް ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

އުމުރުން 53 އަހަރުގެ މި އަންހެން މީހާ ގެއްލިފަވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ.
މި އަންހެން މީހާ އުމަރާއަށް ގޮސްފައިވަނީ އޭނާގެ ފިރިމީހާއާއެކުގައެވެ.

ޙައްޖަށާއި އުމްރާއަށްދާ ކޮންމެ މީހަކަށްވެސް އެމީހެއްގެ މަޢުލޫމާތު ހިމެނޭ ކާޑެއް ދީފައި އޮވޭ. މި ކާޑުގައި މީހާގެ މަޢުލޫމާތާއި، ޤައުމާއި، އަދި ރާއްޖެއާއި ސަޢުދީގެ އެޖެންޓުންނާއި ގުޅޭނި ނަންބަރުތައްވެސް ހިމެނޭނެއެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު 84 މީހުން އުމްރާއަށް ގޮސްފައިވޭ. ޙައްޖު ކޯޕަރޭޝަނުން ބުނފައިވަނީ އުމްރާއަށް ދިޔަ އެންމެންގެވެސް ޙާލު ރަނގަޅުކަމަށެވެ.

ޙައްޖަށާއި އުމްރާއަށްދާ މީހުންނަށް މަގު އޮޅުންފަދަ ކަންކަން ދިމާވެ ގެއްލޭ މައްސަލަ މީގެކުރިންވެސް ދިމާވެފައިވޭ. އެހެންކަމުން މިކަންކަމަށް މީޙުން ޙޭލުންތެރިކުރުމަށް އުމްރާއަށާއި ޙައްޖައްދާއިރު މިފަދަ ޙާއްލަތެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތްތައްވެސް ކިޔައިދެއެވެ.