ޔޫރަޕްގައި ހަރުކަށި ވިސްނުމުގެ ޕޮޕިއުލިސްޓް ފިކުރު ފެތުރެމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އަންގެލާ މަރކެލް ވިދާޅުވެއްޖެއެވެ.
ކްރޮއޭޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު އަންދްރޭ ބިލިންކޮވިޗާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި މަރކެލް ވިދާޅުވީ، ޕޮޕިއުލިސްޓް ފިކުރު ގެންގުޅޭ ފާ ރައިޓް ޕާޓީތަކާއި އެފިކުރުގެ ޖަމާއަތްތަކުގެ ސަބަބުން ޔޫރަޕްގެ އަސާސްތަކާއި ޔޫރަޕްގެ ހަމަތަކާއި އަޚްލާގު ގެއްލި އިޖްތިމާއީ ގޮތުން ޔޫރަޕް ހަލާކުވުމުގެ ބިރު އެބައޮތްކަމަށެވެ.
މަރކެލް ވިދާޅުވީ ޕޮޕިއުލިސްޓް ފިކުރުގެ ސަބަބުން ނަސްލީ އިމްތިޔާޒާއި ބައިމަދު ނަސްލުތަކުގެ މީހުން ނިކަމެތިކޮށް ކޮރަޕްޝަނަށް މަގުފަހިވާކަމަށާ މިއީ ޔޫރަޕްގެ ވެލިޔުސްތަކާ މުޅިން ފުށުއަރާކަންތައްތައް ކަމަށެވެ. ޕޮޕިއުލިސްޓް ފިކުރު ގެންގުޅޭ ފާރައިޓް ޕާޓީތައް ފާއިތުވި އަހަރުތަކުގައި ސިޔާސީ ގޮތުން ޔޫރަޕްގެ އެތަށް ގައުމެއްގައިވަނީ ބޮޑެތި ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ.
އެ ފަރާތްތަކުންވަނީ މުސްލިމުންނާއި އެފްރިކާ ދަރިކޮޅާއި އޭޝިޔާ ދަރިކޮޅުގެ ބައިމަދު ޖަމާއަތްތައް ޔޫރަޕުން ބޭރުކުރުމަށް ފާޅުގައި ގޮވާލާފައެވެ. އަދި ޔޫރަޕަށް ހިޖްރަކުރާ ފަރާތަކަށް ބިރުދައްކައި ހިޖްރަވެރިން ހުއްޓުވުމަށްޓަކައި ޕޮޕިއުލިސްޓް ފިކުރު ހަރުކަށި މީހުން ވަނީ ޓެރަރިޒަމްގެ އަމަލުތައްވެސް ހިންގާފައެވެ.