ޚަބަރު

ސަރަހައްދުގެ މޮޅު ކުޅުންތެރިޔާ ބަލަހައްޓާނެ ގޯލްއެއް ނެތް


ފާއިތުވި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައިވެސް ގިނަ ގޮތްގުތޮން ގޮންޖެހުންތަކާއި ކުރިމަތިވި އަހަރެކެވެ.

ނަމަވެސް ސަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި 10 އަހަރަށްފަހު ރާއްޖެ ކާމިޔާބުކުރީ މިދިޔަ އަހަރުއެވެ. ސާފްގެ ތައްޓާއިއެކު އެންމެ ބޮޑު ޝަރަފެއް ލިބުނީ ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގޯލް ބެލެހެއްޓި ކީޕަރު މުހައްމަދު ފައިސަލަށެވެ.

އޭނާގެ މޮޅު ސޭވްތަކާއި އެކު ސާފް ސުޒުކީ ކަޕްގެ ތަށި ދިވެހި ޓީމް ހޯދިއިރު، މުބާރާތުގެ ތާރީޚުގައިވެސް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު، ނުވަތަ ސަރަހައްދުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ރާއްޖޭގެ ކީޕަރަކަށް ލިބުނު މިއީ ފުރަތަމަ ފަހަރުއެވެ. އަދި މިއީ ދިވެހި ކުޅުންތެރިއަކަށް މި ޝަރަފް ލިބުނު ދެވަނަ ފަހަރެވެ.

މިއަހަރު ފުޓްބޯޅަ ސީޒަން ފެށެން ކައިރިވެފައިވާއިރު، ސަރަހައްދުގެ މޮޅު ކުޅުންތެރިޔާގެ އަޑެއް ނީވެއެވެ. ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބެއް ޕްރީ ސީޒަން ފަރިތަކުރުންތައް ފަށާފައިވާއިރު ސަރަހައްދުގެ މޮޅު ކުޅުންތެރިޔާ ބަލަހައްޓާނެ ގޯލްއެއް ނެތެވެ. ޕްރީ ސީޒަން ފަރިތަކުރުންތަކުގައި އެއްވެސް ކުލަބެއްގެ ފަރިތަކުރުމުގައި ފައިސަލެއް ނުފެނެއެވެ.

އެއާއިއެކު ދެން އުފެދުނު ސުވާލަކީ، ފަޚުރުވެރި ކާމިޔާބީއާއިއެކު ފައިސަލް ކުޅުން ހުއްޓާލައި އަންގި ދޫކޮށްލާ ރިޓަޔާމެންޓް ޢިއުލާން ކުރީބާއެވެ؟

ނަމަވެސް ކަންއޮތީ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. ފާއިތުވި ސީޒަންގައި ފައިސަލް ކުޅުނީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯތްސް ކުލަބަށެވެ.

ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުގެ ސަބަބުން އެފްއޭއެމުން ނިއު ސަސްޕެންޑްކޮށް އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެސަސްޕެންޝަން ދަމަހައްޓަން ނިންމި ނިންމުމާއި ގުޅިގެން އޭގެ އެންމެ ބޮޑު އަސަރެއް ކުރި އެއް ކުޅުންތެރިއަކީ ފައިސަލެވެ.

އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުމުގައި ފައިސަލް ހުރީ ނިއުރޭޑިއަންޓުން ރިލީސްވެސް ހޯދައިގެންނެވެ. ޓްރާންސްފާރ ފެށި ކުޅުންތެރިން އެކި ކުލަބުތަކަށް ބަދަލުވާން ފެށުމާއިއެކު ފައިސަލް ހޯދުމަށްވެސް ބައެއް ކުލަބުތަކުން ޝައުގުވެރިކަންވެސް ފާޅުކުރިއެވެ.

ނަމަވެސް އެއްވެސް ކުލަބަކާއިއެކު އެއްބަސްވުމުކަށް ނާދެވި މިހާރު އެއްވެސް ކުލަބެއްގެ އިޝާރާތެއް ފެންނާކަށް ނެތެވެ. ކުޅުން ހުއްޓާނުލައި ރާއްޖެއަށް އެތައް ކާމިޔާބީއެއް ހޯދައި ދިނުމުގައި އަދިވެސް ފައިސަލް ހުރީ ކުލަބަކުން ހުށައެޅުމެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ.

ރާއްޖޭގެ ބައެއް ކުލަބުތަކުން މިސީޒަނުގައި ބިދޭސީ ކީޕަރުން ގެންނަން ވަނީ ނިންމާފައެވެ. މިއީ ބިދޭސީ ކީޕަރުންނަށް ރާއްޖޭގައި ކުޅެވޭނެ ފަހު ސީޒަނެވެ.

މިފަހަރުގެ ޓްރާންސްފާގައި ފައިސަލް ގުޅޭނެކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ކުލަބަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ނަމަވެސް މާޒިޔާއިންވެސް މިހާރު ބިދޭސީ ކީޕަރެއް ގެންނަން އުޅޭކަމުގެ އަޑު ވަނީ ފެތުރިފައެވެ.

ސުވާލަކީ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތު ހަމަ ނެތީބާވައެވެ؟ ނުވަތަ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ފައިސަލް ހޯދިކަމުގައި ވިޔަސް ދިވެހި ކުލަބުތައް ބަލައިގަންނަ ވަރަށް އޭނާއަށް އޭނާގެ ހުނަރު ސާބިތުކޮށް ނުދެވެނީ ބާވައެވެ؟