ހުސްވި ހަފުތާގައި ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެލާ ބެހޭ ކުންފުނީގެ ވަޞީލަތްތަކަށް އަމާޒުކޮށްގެން ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ދިން ހަމަލާއަކީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސައުދީ އަދި ޔޫ.އޭ.އީގެ އަމާޒުތަކަށް ހަމަލާދޭނެ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
ހޫޘީ ޖަމާޢަތުން ކޮންޓްރޯލްކުރާ ސަބާ ނިއުސް އެޖެންސީން ބުނެފައިވަނީ ސައުދީ އަރަބިއްޔާ އާއި ޔޫ.އޭ.އީގެ ތިންސަތަކޭ މުހިއްމު އަސްކަރީ އަމާޒުތަކަށް އެ ޖަމާޢަތުން ހަމަލާދިނުމަށް ތައްޔާރަށް އޮތްކަމަށެވެ. ހޫޘީ ޖަމާޢަތާ ހަވާލާދީ ސަބާ ނިއުސް އެޖެންސީން ބުނެފައިވަނީ މި އަމާޒުތަކުގެ ތެރޭގައި ސައުދީ ޢަރަބިއްޔާ އާއި ޔޫ.އޭ.އީގައި ހުންނަ އަސްކަރީ މަރުކަޒުތަކާއި އަސްކަރީ އެހެން ތަންތަނުގެ އިތުރުން ޔަމަނުގައި މި ދެ ޤައުމުން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް ވެސް ހިމެނޭކަމަށެވެ.
ސައުދީ ޢަރަބިއްޔާއިން ހުސްވި ހަފުތާގައި ބުނެފައިވަނީ ހޫޘީ ޖަމާޢަތުން ވަނީ ސައުދީގެ ދައުލަތުގެ ތެލާ ބެހޭ ކުންފުނި އަރަމްކޯގެ ތެޔޮ ޕަމްޕް ކުރާ ދެ ސްޓޭޝަނަކަށް އަމާޒުކޮށްގެން ހަމަލާތައް ދީފައިކަމަށެވެ. މި ގޮތުން، އެ ޖަމާޢަތުން މި ހަމަލާތައް ދީފައިވަނީ އިންސާނަކާ ނުލާ އުދުހޭ ވައިގެ އުޅަނދު ޑްރޯން ބޭނުންކޮށްގެން ކަމަށްވެސް ސައުދީ ޢަރަބިއްޔާއިން ވަނީ ބުނެފައެވެ. ޔަމަނުގައި އެ ޤައުމުގެ ސަރުކާރާއެކު ހަނގުރާމަކުރަމުންދާ ސަރަހައްދީ އިއްތިހާދުން ހުސްވި ހަފުތާގައި ވަނީ ޔަމަނުގެ ވެރިރަށް ސަންޢާގައި ހުންނަ ހޫޘީ ޖަމާޢަތުގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީފައެވެ.