ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރުކުރުމަށް އިނގިރޭސިވިލާތުގެ ނޫސްވެރިން ހިމެނޭ ޓީމެއް އެމްއެމްޕީއާރުސީން ރާއްޖެ ގެނެސްފިއެވެ.
މިއީ ބައިނަލްއަޤްވަމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕިއާރުސީން ކުރިއަށްގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދެވަނަ ދަތުރެވެ.
ނޫސްވެރިންގެ މި ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ 19 މެއި އިން 25 މެއި ގެނިޔަލަށެވެ. މިދަތުރުގައި މި ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ވަކަރުފަޅި މޯލްޑިވްސް ، ލިޔެލާ ރިޓްރީޓް އަދި ސަން ސިޔާމް އިރުފުށީގައެވެ. މިދަތުރުގައި ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި، ރާއްޖޭގެ ސަގާފަތާއި، އަދި ދިވެހި ކެއުމުގެ ރަހަ ނޫސްވެރިންނަށް ދައްކާލެވޭނެއެވެ.
ޖުމްލަ 5 ބައިވެރިން ހިމެނޭ މި ޓީމުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސްވެރިން މީޑިއާތައް ހިމެނެއެވެ. އެއީ ފޭބުލަސް މެގަޒިން ،ޓީއައި މީޑިއާ، ބެލް މެގަޒިން، ހީޓް މެގަޒިން އަދި ދަ ހޭންޑް ބުކްއެވެ. ނޫސްވެރިން ރާއްޖޭގައި ކުރާތަޖުރިބާއާއި ގުޅޭ ލިޔުންތައް ލިޔެ މީޑިޔާގައި ޝާއިރުކުރުމަށް ހަމަޖެހިފައިވެއެވެ .
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިންގެ ސިނާއަތަށް ވަރަށް މުހިއްމު މާކެޓެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށްބަލާލާއިރު މިއަހަރުގެ ޖެނުއަރީއިން ފެށިގެން މާރޗު މަހުގެ ތެރޭގައި ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.
މި އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ އިނގިރޭސިވިލާތުން 36,116 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %10.7 ގެ ކުރިއެރުމެކެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް އެމްޕީއާރުސީން ކުރިއަށްގެންދާ ސިލްސިލާ މި ޕްރޮގްރާމުގެ ދަށުން ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ ގެނެސްފައިވަނި އިންޑިއާ ނޫސްވެރިންނެވެ. އެމްއެމްޕީއާރުސީން ބުނީ މިދަތުރު ތަކުގެ ސަބަބުން މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.