ޚަބަރު

ކެޕްޓަން ކޮމްޕެނީ ސިޓީ ދޫކޮށް އެންޑަލެކްޓްގެ ކޯޗާއި ކުޅުންތެރިއެއްގެ މަގާމަށް


މެންޗެސްޓަރ ސިޓީގެ އެންމެ ކާމިޔާބު ކެޕްޓަން ވިންސެންޓް ކޮމްޕެނީ ސިޓީ ދޫކޮށް ކުރީގެ ކްލަބް ބެލްޖިއަމްގެ އެންޑަލެކްޓަށް ބަދަލުވެއްޖެއެވެ.

ކޮމްޕެނީ އެންޑަލެކްޓާއި ގުޅުނީ ކުޅުންތެރިއެއްގެ އިތުރުން ޓީމުގެ ކޯޗުގެ މަގާމާވެސް ހަވާލުވާގޮތަށެވެ. 3 އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ކޮމްޕެނީ ވަނީ އޭނާގެ ކުރީގެ ކްލަބާއެކު ސޮއިކޮށްފައެވެ.

2008 ވަނަ އަހަރުގެ ޖަރުމަންގެ ހަމްބާގުން ސިޓީއަށް ބަދަލުވި ކޮމްޕެނީ އަކީ ސިޓީގެ ތާރީހުގައިވެސް ދުއް އެންމެ ކާމިޔާބު ކެޕްޓަނެވެ. ކޮމްޕެނީ ވަނީ ސިޓީ އާއެކު ހޭދަކުރި 11 ސީޒަނުގައި 10 ތަށި އުފުލާލާފައެވެ. އެއީ 4 އިނގިރޭސި ޕްރިމިއަރ ލީގާއި 4 ލީގް ކަޕް އަދި 2 އެފް.އޭ ކަޕެވެ. މީގެއިތުރުން ކޮމްޕެނީ ވަނީ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް 1 ފަހަރު ހޯދާފައެވެ.

ޑިފެންސްލައިންގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން ކޮމްޕެނީ ވަނީ ސިޓީ ގޯލަކަށް އެންމެ ބޭނުންވެފައިވާ ވަގުތުތަކުގައި ވަރަށް މުހިއްމު ގޯލުތަކެއްވެސް ކާމިޔާބުކޮށްދީފައެވެ. މިގޮތުން 2012 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ޖަހައިދިން ލަނޑަކީ އެފަހަރުގެ ލީގު ހޯދުމުގައި ސިޓީއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އަދި މިފަހަރުގެ ލީގު ސިޓީއަށް ކާމިޔާބުކޮށްދިނުމުގައިވެސް ކޮމްޕެނީގެ ހިއްސާ ވަރަށް ބޮޑެވެ. މިގޮތުން ލީގުގައި ލެސްޓަރ ސިޓީ ކޮޅަށް ކޮމްޕެނީ ޖަހައިދިން ހިތްގައިމުގެ ގޯލުން މޮޅުވެ ސިޓީއަށް ލިބުނު ތިން ޕޮއިންޓަކީވެސް ވަރަށް މުހިއްމު ތިން ޕޮއިންޓެވެ.

އުމުރުން 33 އަހަރުގެ ކޮމްޕެނީ ސިޓީ ދޫކޮށް އޭނާގެ ކެރިއަރު ފެށި ކްލަބާ އަލުން ގުޅޭކަން އިއުލާނުކުރުމާއެކު ސިޓީ އާއި ގުޅުންހުރި ހުރިހާ ފަރާތަކުންވެސް ވަނީ ކޮމްޕެނީ ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް ކޮމްޕެނީއަށް ޝުކުރުގެ މެސެޖުތައް ފޮނުވަން ފަށާފައެވެ. މިގޮތުން ސިޓީގެ އޯނަރު ބުނީ ކޮމްޕެނީ އަކީ ސިޓީ މިހާރު މިއޮތް މަގާމަށް ކްލަބް ގެނަސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިއާ ކަމުގައެވެ.