ޚަބަރު

ރައީސް ނައިފަރު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި


ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެރަށުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވައިފިއެވެ.

ނައިފަރު ކައުންސިލްގެ މެންބަރުން މި ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިއްސާ ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިފަރު ކައުންސިލުން ވަނީ އެ ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި އެކަންކަމުގެ މައުލޫމާތު ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން ނައިފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފެނާއި، ނަރުދަމާގެ މަޝްރޫޢު ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ރަށުގައި ޔޫތު ސެންޓަރެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން ނައިފަރުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މެންބަރުން ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން ނައިފަރު ސްކޫލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.