ޚަބަރު

އޮސްޓްރޭލިޔާގެ އިންތިޚާބުގައި ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ބޮޑު ކާމިޔާބީއެއް


އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އެ ޤައުމުގެ އިންތިޚާބު ކާމިޔާބުކުރައްވައި، އިތުރު ދައުރެއް ޔަޤީންކުރައްވައިފިއެވެ. ކުރިން ޚިޔާލު ހޯދުމުގެ ވޯޓުތައް ދެއްކީ، އިންތިޚާބު ކާމިޔާބުކުރާއނީ އިދިކޮޅު ޕާޓީތަކުން ކަމަށެވެ.

އެެހެންނަމަވެސް، މިހާރު މިވަނީ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ސަރުކާރުން އިންތިޚާބުގައި ސާފު އަޣުލަބިއްޔަތެއް ކަށަވަރުކޮށްފައެވެ. މިއާއެކު މޮރިސަން އިސްވެ ހުންނަވައިގެން ޤާއިމުކުރައްވާފައިވާ އިއްތިހާދު ދެމިއޮންނާނެކަމުގެ ޔަޤީންކަން މިވަނީ ލިބިފައެވެ.

އިންތިޚާބަށްފަހު މޮރިސަން ވަނީ، އެމަނިކުފާނަށް ތާއީދުކުރެއްވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންތިޚާބުގައި ލިބިވަޑައިގަތް ކާމިޔާބީއަކީ އަޖާއިބެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ލޭބަރ ޕާޓީގެ ލީޑަރު ބިލް ޝޯޓަން ވަނީ ބަލި ޤަބޫލުކުރައްވާ، އެ ޕާޓީގެ ލީޑަރޝިޕުުން އިސްތިއުފާދެއްވާނެކަން ހާމަކުރައްވާފައެވެ.