ޚަބަރު

ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމްތަކުގައި ސަރވިސް ނަންބަރު ޖަހަން ފަށައިފި


ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމްތަކުގައި ސަރވިސް ނަންބަރު ޖަހަންފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ފުލުހުން ޕްރޮފެޝަނަލް ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން އޮޕަރޭޝަނަލް ޔުނީފޯމްގައި ސަރވިސް ނަންބަރު ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ސަރވިސް ނަންބަރު ޖަހަން ފަށާފައިވަނީ ސްޕެޝަން އޮޕަރޭޝަންސް (އެސް.އޯ) އާއި ސްވޮޓް ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމުގައެވެ. ސަރވިސް ނަންބަރު ޖަހާފައިވަނީ އޮޕަރޭޝަނަލް ޔުނީފޯމުގައި ޖަހާފައިވާ ނަމުގެ ތިރީގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ކުޑަކުޑަ ކަމެއްގެ ގޮތުގައި މިކަން ފާހަގަކުރެވުނު ނަމަވެސް މިއީ ފުލުހުން ޖަވާބުދާރީ ކުރުވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ.

ފުލުހުން އެކިއެކި އޮޕަރޭޝަންތައް ހިންގާއިރު، ރައްޔިތަކު ސުވާލުކޮށްފިނަމަ ފުލުހުންގެ ނަމާއި ސަރވިސް ނަންބަރު ހާމަކުރަންޖެހޭއިރު އެކަމުގެ ސަބަބުން ޕްރޮފެޝަނަލް ކަމާއެކު މަސައްކަތްކުރުމާއި، އެކައުންޓަބަލް ބައެއްގެ ގޮތުގައި ޚިދުމަތްކުރުމަށް އިތުރަށް ސަމާލުކަން ދެވޭނެކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިހާރު ސްޕެޝަން އޮޕަރޭޝަންސް އާއި ސްވޮޓް ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމުގައި ސަރވިސް ނަންބަރު ޖަހަން ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި ފުލުހުންގެ ޑިޕާޓްމެންޓްތަކުގެ ތެރެއިން އޮޕަރޭޝަނަލް ޔުނީފޯމް ބޭނުންކުރާ ހުރިހާ އޮފިސަރުންގެ ޔުނީފޯމްތަކުގައި ނަންބަރު ޖަހާނެކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ފުލުހުންގެ ރަސްމީ ޔުނީފޯމުގައި ހަރަކާތްތެރިވާއިރުވެސް ބޭނުންކުރާ ޕޮލިސް ކާޑުގައި ސަރވިސް ނަންބަރު ޖަހާފައިހުރެއެވެ.