ކުޅިވަރު

އިޓާލިއަން ސެރިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް


އިޓާލިއަން ސެރިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވައިފިއެވެ.

މި މަގާމަށް އޭނާ އަށް ހޮވާފައިވަނީ އިޓަލީގެ ނޫސްވެރިންނާއި ސްޓެޓިސްޓިކްސް އަށް ބަލައިގެންނެވެ. ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ރެކޯޑް އަގަކަށް އެކުލަބަށް ބަދަލުވެ މި ސީޒަނުގައި 22 ގޯލު ޖަހާފައިއެވެ. މިއީ އެންމެ ގިނަ ގޯލު ޖެހި ކުއަގްލިއެއްލާ އަށްވުރެ ހަތަރު ގޯލު މަދު އަދަދެކެވެ. އިޓަލީގެ އެންމެ މޮޅު ފޯވަޑަކަށް މިފަހަރު ހޮވުނީ އޭނާއެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ލާޒިއޯ އަށް ކުޅޭ މިލިންކޮވިޗް ސަވިޗްއެވެ.

އެންމެ މޮޅު ޑިފެންޑަރަކީ ނަޕޯލީ އަށް ކުޅޭ ކުލިބާލޭއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އިންޓަމިލާނުގެ ކީޕަރު އަދި ކެޕްޓަން ހެންޑޮނޮވިކްއެވެ. އިޓަލީގެ މޮޅު ކުޅުންތެރިޔާގެ މަގާމު އުމުރުން 34 އަހަރުގެ ރޮނާލްޑޯ އަށް ލިބުނުއިރު އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިއެވެ. މި އަދަދަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެން ހޯދާފައިވަނީ ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީއެވެ.