މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީން އިތުރު ކުރި 1000 ކޯޓާގެ ތެރެއިން ގިނަ ޖާގަތައް ޕީޕީއެމްގެ އިސް ފަރާތަކަށް ދީފައިވާކަން ހާމަވެއްޖެއެވެ.
ހައްޖަށް މީހުން ގެންދިޔުމަށް އިތުރަށް ދިން 1000 ޖާގަ ބަހާލި ގޮތްކަމަށް ވިދާޅުވެ އޭރުގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ފޮނުވާފައިވާ ސިޓީގައިވާ ގޮތުން އެ ޖާގަތައް ބަހާފައިވަނީ ޕީޕީއެމްގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ހިއްސަވާ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށެވެ.
މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް އިތުރު ކުރި 1000 ކޯޓާގެ ތެރެއިން 100 ކޯޓާއި ދިނީ އަމިއްލަ ދެ ޖަމާއަތަކަށެވެ. އަނެއް 900 ޖާގަދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
މި 900 މީހުންނަށް ޖާގަ ހަމަޖެއްސި ގޮތްކަމަށް ވިދާޅުވެ އޭރުގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ސޮއިކުރައްވާ ހައްޖު ކޯޕަރޭޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކޯޕަރޭޝަނަށް 259 މީހުން އަދި ޕީޕީއެމުން އެދިފައިވާ ފަރާތައް އެ ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްދިނުމަށެވެ. އަދި އެ ސިޓީއާއި އެކު ޕީޕީއެމުން ހައްޖަށް ގެންދަން ބޭނުންވާ މީހުންގެ ލިސްޓްވެސް ވަނީ ފޮނުވާފައެވެ.
އެ ލިސްޓްގައިވާ ގޮތުން 20 މަޖިލިސް މެމްބަރަކަށް 144 ޖާގަ ދިނުމަށް އަންގާފައިވެއެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި އެހެނިހެން ފަރާތްކަށް 200 ޖާގަ ކަނޑައަޅާފައިވެއެވެ. މީގެއިތުރުން އަމިއްލަ ބައެއް ކުންފުނިތަކާއި ކައުންސިލަކާއި ފުލުހުންގެ މުވައްސަސާއަށްވެސް ޖާގަތަކެއް ވަނީ ދީފައެވެ. އަދި ޕީއެސްއެމްވެސް ހިމެނޭހެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިސްލާމިކް މިނިސްޓްރީގައި މުވައްޒަފުންނަށްވެސް ވަނީ ޖާގަ ބަހާފައެވެ.
މީގެ ތެރެއިން ބައެއް ފަރާތަކަށް 15 ޖާގަވެސްވެސް ދީފައިވާކަން ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ހައްޖު ކޯޕަރޭޝަނަށް ފޮނުވާފައިވާ ލިސްޓުން އެނގެއެވެ.
ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ކޯޓާ ދޫކުރުމުގައި ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނަށް މަންފާވާގޮތަށް ކޯޓާ ދޫކުރާކަން ފާހަގަވެފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދާދީ ފަހުން ނެރުނު ރިޕޯޓްގައިވެސް ފާހަގަކޮށްފައިވެއެވެ.
ޙައްޖަށް މީހުން ގެންދިއުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަން ފާހަގަކުރައްވާ އޭސީސީން ނެރުނު ރިޕޯޓްގައިވަނީ ޙައްޖަށް ދާމީހުންގެ ލިސްޓުގައި ފަހުން ޖެހުނު ބައެއް މީހުންނަށް، އިތުރަށް ފައިސާދީގެން ކުރިން ހައްޖަށް ދެވޭގޮތަށް ކަންކަން ކުރާކަންވެސް ފާހަގަވިކަމަށެވެ. މިފަދަ ކަންކަމުގެ ސަބުން ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދާން ބައެއް ޢާއްމުންނަށް އެތައް އަހަރެއްވަން ކިއުގައި މަޑުކުރަން ޖެހޭކަން އޭސީސީން ވަނީ ފާހަގަކޮށް ފައެވެ.