ޚަބަރު

ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުތާ ދިހަ އަހަރު


ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިން އެ ޤައުމުގެ އުތުރުގައި ވަކި ދައުލަތެއް ޤާއިމުކުރުމަށްޓަކައި ފެށި ދާޚިލީ ހަނގުރާމަ ނިމުނުތާ ދިހަ އަހަރު ފުރިއްޖެއެވެ. ހަނގުރާމަ ނިމުނުތާ ދިހަ އަހަރު ފުރުން ރަސްމީކޮށް ފާހަގަކުރަން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ކަމަށްވިޔަސް ސިފައިން ވަނީ ތަމަޅައިންގެ އަޣުލަބިއްޔަތު އޮންނަ ޖެފްނާ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ނަވާރަސަތޭކަ އައްޑިހަ ތިންވަނަ އަހަރުގެ ޖުލައި މަހުގެ ތޭވީސް ވަނަ ދުވަހު ސްރީލަންކާގެ ތަމަޅައިން ހަނގުރާމަވެރި ލީޑަރުން އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް އިޢުލާންކުރީ ތަމަޅައިންގެ ޙައްޤުތައް ހޯދުމަށްޓަކައި ސްރީލަންކާގެ އުތުރުގައި ތަމަޅައިންނަށް ވަކި ދައުލަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައެވެ.

ސައްބީސް އަހަރުގެ ދިގުލީ ހަނގުރާމަ ނިމަމަކަށް އައީ ދެހާސް ނުވަ ވަނަ އަހަރުގެ މޭމަހުގެ އަށާރަވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ސްރީލަންކާގެ ސިފައިންނާއި ތަމަޅަ ހަނގުރާމަވެރިންނާއި އާންމުން ހިމެނޭ ގޮތަށް ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މީގެތެރޭގައި ސާޅީސްހާސް އާންމުން ހިމެނެއެވެ. މީގެ އިތުރުން ވީނުވީ ނޭނގި ވިހިހާސް މީހުން ގެއްލި، ތިން ސަތޭކަ ހާހަށްވުރެ ގިނަމީހުން ޒަޚަމުވެ، ބައެއް މީހުން ނުކުޅެދޭ ހާލަތަށް ގޮސްފައިވެއެވެ.

ހަނގުރާމައިގެ ދުވަސްވަރު ތަމަޅަ ޓައިގަރު ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އަމިއްލައަށް މަރުވެގެން ސްރީލަންކާގެ އެތައް ސަރަހައްދެއްގައި ބޮމުގެ ޙަމަލާތައްދީ، ފުޅާ ދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައެވެ. މި ބާވަތުގެ ޓެރަރިސްޓް ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ކޮލަންބޯގައި ހުރި މުހިއްމު ޢިމާރާތްތަކަށެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ތަމަޅަ ޓައިގަރުން ބަލިކޮށްލުމުގައި ސިފައިން ކާމިޔާބުހޯދީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޓައިގަރުންގެ ކޮންޓްރޯލްގެ ދަށުގައި ހުރި ސަރަހައްދުތައް މިނިވަންކޮށް، އެ ތަންތަން ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމުގެ މޭސްތިރިއަކީ ރާޖަޕަކްސަގެ ސަރުކާރުގެ ދިފާއީ ވަޒީރު އަދި އޭނާގެ ކޮއްކޮ ގޮތަބަޔަ ރާޖަޕަކްސައެވެ.

ހަނގުރާމަ ނިމުމަކަށް ގެނައީ ޓައިގަރުންގެ އިސް ލީޑަރު އަދި ދާޚިލީ ހަނގުރާމައިގެ އިސް މޭސްތިރި ވެލުޕިއްލައި ޕްރަބާކަރަން މަރާލައިގެންނެވެ. މިއީ ސްރީލަންކާ ސިފައިން ވަރަށް ދުރާލައި ރާވައިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެކެވެ.

ޕްރަބާކަރަން މަރާލުމުގެ ކުރިން ސްރީލަންކާ ސިފައިންވަނީ އެކަމުން ނިކުމެދާނެ ނަތީޖާއަކަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި ޓައިގަރުންގެ ކޮންޓްރޯލްގެ ދަށުގައި ހުރި ހުރިހާ ސަރަހައްދުތަކެއް ސިފައިންގެ އަތްދަށަށް ގެނައުމާއި، މުޅި ޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ހިމެނެއެވެ.

ހަނގުރާމަ ނިންމާލުމުގެ އެންމެފަހުގެ އޮޕަރޭޝަންގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް ތަމަޅަ އާންމުންގެ އެތައް ހާސްބަޔަކު މަރާލިކަމުގެ ތުހުމަތު ސްރީލަންކާ ސިފައިންގެ މައްޗަށް ކުރެވިފައިވެއެވެ. އެހެންނަމަވެސް ބަޔަކު މަރުވުމަށްވުރެ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެއަށްވުރެ މާގިނަ ބައެއްގެ ފުރާނަތައް މުސްތަޤުބަލުގައި ސަލާމަތް ކުރެވިގެންދާނެ ކަމެއްކަމަށް ރާޖަޕަކްސަގެ ސަރުކާރުން އެދުވަސްވަރު ބުނެފައިވެއެވެ.

ހަނގުރާމަ ނިމުމަށްފަހު ސްރީލަންކާއަށްވަނީ ޤައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ ބުރަ އަދި އުނދަގޫ މަސައްކަތާ ކުރިމަތިލާންޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނިކޮށް ދާދިފަހުން ކުރިމަތިވި ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ސްރީލަންކާގެ އިޤުތިޞާދަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.