ޚަބަރު

ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް އެކުލަވާލުމުގެ މަސައްކަތް އީސީން ފަށައިފި


އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފައްޓަވައިފިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ބާއްވާ މައި ތިން އިންތިޚާބު ކަމުގައިވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް އެކޮމިޝަނުން ދުރާލާ ރާވައިގެންކުރަމުން އަންނައިރު، އަންނަ ކައުންސިލް އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް މިހާރު ހޯދާފައިވާކަމަށެވެ.

އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބުގައިވެސް ވޯޓު ލުމުގެ ހައްޤުލިބިފައިވާ މީހުންގެ ލިސްޓް އެކުލަވާލާނީ އިންތިޚާބު ބާއްވާ ދުވަހަށް މީލާދީގޮތުން 18 އަހަރު ފުރޭ މީހުންގެ ނަންތައް ހިމަނައިގެންކަމަށާ، ޑީ.އެން.އާރުން އެ ލިސްޓު ހޯދައި ލިސްޓުގައި ހުރި މައްސަލަތައް މިހާރު ދެނެގަތުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމަށެވެ.

2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބުނުއިރު، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށެވެ. މިއީ 2017 އިން 2019 އަށް 8455 މީހުގެ އިތުރުވުމަކަށްވުމުން އަންނައަހަރު ބާއްވާ ކައުންސިލް އިން ތިޚާބުގައި ވޯޓުދިނުމުގެ ހައްޤުލިބިގެންވާ މީހުންގެ އަދަދު 265000 ވުރެ މައްޗަށް އެރުން އެކަށީގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު، އެއިންތިޚާބުގެ ކުރިން އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް އަންނަ ހޯމަ ދުވަހު ފަށަން އީސީން އަންނަނީ ތައްޔާރުވަމުންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު ކައުންސިލްތަކުގެ އިންތީޚާބު ބާއްވާއިރު، 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގެ އަޣްލަބިއްޔަތު ހޯދާފައިވަނީ މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި 1،497 ކެންޑިޑޭޓުން ވާދަކޮށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތީޚާބު ކާމިޔާބުކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ ހިމެނޭކޯލިޝަނުން އެޕާޓީގެ ކެނޑިޑޭޓެވެ. އަދި މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުވެސް ބޮޑު އަޣްލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީން ވަނީ ކާމިޔާބުކޮށްފައެވެ.