ކުޅިވަރު

ގްރީޒްމަން ހޯދަން ސިޓީއިން ބިޑެއް ނުކުރާނެ - ގާޑިއޯލާ


އެތްލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ފޯވާޑް ގްރީޒްމަން ހޯދުމަށް ސިޓީން ބިޑު ނުކުރާނެކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ފަސް އަހަރު އެތްލެޓިކޯއަށް ކުޅުމަށްފަހު ގްރީޒްމަންވަނީ އޭނާ އަންނަ ސީޒަންގައި އެކުލަބުން ނުފެންނާނެކަމަށް ބުނެފައެވެ. އަދި އެތްލެޓިކޯއިންވެސްވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ގްރީޒްމަން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާނެކަމަށް ބެލެވެނީ ސްޕެއިންގެ ބާސެލޯނާއިންނެވެ. މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ 28 އަހަރުގެ ފޯވާޑަށް ސިޓީން ބިޑު ނުކުރާނެކަމަށާއި، އެހާ ބޮޑު ޚަރަދެއް ސިޓީއަށް ކުރެވެން ނެތްކަމަށެވެ.

ގާޑިއޯލާ ބުނީ ސިޓީން ގްރީޒްމަން ގަނެފާނެތީ ބާސެލޯނާގެ ސަޕޯޓަރުން ހާސްވާން ނުޖެހޭނެކަމަށާއި، ގްރީޒްމަން ގަންނަން ބޭނުމެއްވެސް ނޫންކަމަށެވެ.

ގާޑިއޯލާވަނީ ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗުކަމަށްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ބުނެފައެވެ. އޭނާ ބުނީ ސިޓީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ ދެ އަހަރު އެބައޮތްކަމަށާއި، ސިޓީގައި މަޑުކޮށްގެން ހުރީ އުފަލުންކަމަށެވެ.