ކުޅިވަރު

ކޮޕަ އެމެރިކާއަށް ބްރެޒިލްގެ ޤައުމީ ސްކޮޑު އިއުލާންކޮށްފި


ޕްރިމިއަރ ލީގުގައި ކުޅެމުން އަންނަ ބްރެޒިލްގެ ދެ ކުޅުންތެރިންކަމަށްވާ ފަބީނިއޯ އަދި ލޫކަސް މޯރާ ނުހިމަނައި ކޮޕަ އެމެރިކާއަށް ބްރެޒިލްގެ ޤައުމީ ސްކޮޑު އިއުލާންކޮށްފިއެވެ.

އަންނަ މަހު ބްރެޒިލްގައި އޮންނަ ސަރަހައްދީ މުބާރާތަށް ކޯޗު ނެގި ސްކޮޑުން ޓޮޓެންހަމްގެ ލޫކަސް މޯރާއާއި، ފަބީނިއޯއަށް ފުރުސަތު ނުދޭއިރު، ރެއާލް މެޑްރިޑުގެ ޒުވާންތަރި ވިނީސިއަސްއަށްވެސް މިފަހަރު ޖާގައެއް ނުލިބުނެވެ.

މީގެ އިތުރުން ރެއާލް މެޑްރިޑްގެ މާސެލޯއަށްވެސް ކޯޗު ފުރުސަތެއް ނުދޭ. މާސެލޯގެ ބަދަލުގައި ފުރުސަތުދިނީ ޔުވެންޓަސްގެ އެލެކްސް ސަންދްރޯއަށެވެ.

މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބުނު އެހެން ކުޅުންތެރިންނަށް ބަލާއިރު، އަޔެކްސްގައި މޮޅު ކުޅުމެއް މި ސީޒަންގައި ދެއްކި ޑޭވިޑް ނެރޭސްއަށް ޖާގަ ދިންއިރު، އޭނާއާއިއެކު އެވަޓަންގެ ރިޗާލިސަންއަށްވެސް ކޯޗުވަނީ ފުރުސަތުދީފައެވެ. މީގެ އިތުރުން ފޯމުދަށްވެފައިވާ ފޯވާޑް ގެބްރިއަލް ހެސޫސްއާއި ފިލިޕް ކުޓީނިއޯވެސް ސްކޮޑުގައި ހިމެނެއެވެ.

ޓީމުގައި ހިމެނޭ އެންމެ ސީނިއަރ ކުޅުންތެރިޔަކީ ޕީއެސްޖީގެ ޑިފެންޑަރ ތިއާގޯ ސިލްވާއާއި ކެޕްޓަން ނޭމާ ޖޫނިއަރއެވެ.

ކޮޕަ އެމެރިކާ 8 ފަހަރު މީގެ ކުރިން ކާމިޔާބުކޮށްފައިވާ ބްރެޒިލް ގްރޫޕް ސްޓޭޖުގައި ނިކުންނާނީ ބޮލީވިއާ، ވެނެޒުއޭލާ އަދި ޕެރޫއާއި ދެކޮޅަށެވެ.

2007ވަނަ އަހަރުގެ ފަހުން ބްރެޒިލްއަށް އަދި މި މުބާރާތް ކާމިޔާބުކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.