ވިޔަފާރި

ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން އެމް.އެމް.ޕީ.އާރު.ސީން މާކެޓިންގ ސެމިނާތަކެއް ބާއްވައިފި


ރާއްޖޭގެ ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން މާކެޓިންގ ސެމިނާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ގެޓަވޭސް އަދި މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަންއާއި ގުޅިގެން އެމް.އެމް.ޕީ.އާރު.ސީން ކުރިއަށްގެންދިޔަ މި ސެމިނާތަކަކީ ރާއްޖޭގައި ލޯކަލް އައިލެންޑް ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ޓޫރިޒަމް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދިޔަ ސެމިނާތަކެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ސެމިނާތަކަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ސެމިނާތަކެއް ހިންގުމުގެ ވަޢުދުގެ ދަށުން ބޭއްވުނު ހަރަކާތެއްކަމަށެވެ. އެހެންނަމަވެސް، ސެމިނާތަކުގައި ރާއްޖޭގެ ގިނަ ހިސާބުތައް ބައިވެރިކުރުމަށްޓަކައި 11 ސަރަޙައްދެއްގައި ސެމިނާތައް ކުރިއަށްގެންދިޔަކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

" ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް ވަޢުދުވެވަޑައިގެންނެވި 100 ދުވަސްތެރޭ 3 ސަރަޙައްދެއްގައި ގެސްޓްހައުސްތަކަށް އެހީވުމުގެ ގޮތުން މާކެޓިންގ ސެމިނާތަކެއް ބާއްވާދޭނެކަމަށް. އަޅުގަނޑުމެން އެމްއެމްޕީއާރސީއިން ނިންމީ އެންމެ 3 ސަރަޙައްދުގެ ބަދަލުގައި މުޅި ރާއްޖެ 11 ސަރަޙައްދަކަށް ބަހާލައިގެން އެ ސަރަޙައްދުތަކުން ކައިރި ރަށްރަށުގެ ގިނަ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަކަށް މާކެޓިންގ ސެމިނާރތަކެއް ހިންގުމަށް." ތޮއްޔިބު ވިދާޅުވިއެވެ.

މި ސެމިނާތައް ބާއްވާފައިވަނީ މާރޗް 19 އިން 10 މެއިގެ ނިޔަލަށް އއ.ރަސްދޫ، އއ.އުކުޅަސް، އދ.ދިގުރަށް، ވ.ތިނަދޫ، ކ.މާފުށި، ބ.ދަރަވަންދޫ، ހދ.ހަނިމާދޫ، އަޑޫ ސިޓީ، ލ.ގަން، ގދ.ތިނަދޫ އަދި މާލޭގައެވެ.

177 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ސެމިނާގައި ހޮޓެލް އިންޑަސްޓްރީ ސްޓެޓިސްޓިކްސް އެންޑް ޓްރެންޑްސް، ހޮޓެލް ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމަންޓް، ހޮޓެލް ރެވެނިއު މެނޭޖްމަންޓް އަދި އޮންލައިން އެންޑް ސޯޝަލް މީޑިއާ މާކެޓިންއާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

" ހަގީޤަތުގައި އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރިކަމެއް މިއީ. އަދި ހިލޭ ކުރިއަށްގެންދިޔަ ސެމިނާތަކެއް މިއީ. ނަމަވެސް ލިބެންވާ ވަރަކަށް ތަރުޙީބެއް ނުލިބުނު މި ސެމިނާތަކަށް. ވަރަށް މަދު އަދަދެއްގެ މީހުން ބައިވެރިވެފައިވަނީ." ތޮއްޔިބު ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ މުހިއްމު ވިޔަފާރިއެކެވެ. މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 548 ގެސްޓްހައުސް ހިންގަމުންދާއިރު އެމްއެމްޕީއާރުސީން ދަނީ ގެސްޓްހައުސް ވިޔަފާރި ހިމެނޭހެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.