ވިޔަފާރި

ހޯމް ލޯނުގެ ދަށުން އަތޮޅުތަކުންވެސް ގެ ގަނެވޭނެ- ބީއެމްއެލް


ހޯމް ލޯން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ފްލެޓް، އެޕާޓްމަންޓް، ރޯ ހައުސް ނުވަތަ ސިންގަލް ޔުނިޓް ކޮންޑޮމީނިއަމް އެޕާޓްމަންޓެއް ގަނެވޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފިއެވެ.މިހާތަނަށް ބީއެމްއެލް އިން ހޯމް ލޯން ދޫކުރަމުން އައީ ހަމައެކަނި މާލެ ނުވަތަ ހުޅުމާލޭއިން ގެދޮރު ގަތުމަށެވެ. ނަމަވެސް ހޯމް ލޯނަށް ބަދަލު ގެނައީ، ގިނަ ކަސްޓަމަރުންނަށް ލޯނުގެ ފުރުސަތު ހޯދައިދިނުމަށާއި ފުޅާ ދާއިރާއެއްގައި ގެދޮރު ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.މީގެ ކުރިން މާލެ ނުވަތަ ހުޅުމާލޭގައި އަމިއްލަ ނަމުގައި ގެދޮރު ހުރި ފަރާތްތަކަށް ހޯމް ލޯނަށް އެދި ހުށަނޭޅުނުކަމުގައި ވީ ނަމަވެސް ހޯމް ލޯނަށް ގެނައި ބަދަލާއި އެކު އަމިއްލަ ނަމުގައި ގެއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްވެސް ހޯމް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތުދެއެވެ.މީގެ އިތުރުން، ހޯމް ލޯނު މެދުވެރިކޮށް 15 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑު ތަނެއް ނުގަނެވޭނެ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ހޯމް ލޯން މެދުވެރިކޮށް ކޮންމެ އަގެއްގައި ހުރި ތަނެއް ވެސް ގަތުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ. އަދި އެފަދަ ތަނެއް ގަތުމަށް މިހާރު ނަގާފައިވާ ލޯނު އެބޭންކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ބީއެމްއެލްއިން ވަނީ ހުޅުވާލާފައެވެ.ބީއެމްއެލް ހޯމް  ލޯން ޚަލާސްކުރުމަށް 20 އަހަރުގެ މުއްދަތެއް ލިބޭއިރު މިއީ ރާއްޖޭގައި ލޯނެއް ޚަލާސްކުރުމަށް މިހާތަނަށް ދެވޭ އެންމެ ދިގު މުއްދަތެވެ.ދާދިފަހުން ބީއެމްއެލް އިން ވަނީ އެބޭންކުން ދޫކުރާ ލުއި އެކްސްޕްރެސް ލޯނަށް ބަދަލުތަކެއް ގެނެސް ލުއި އެކްސްޕްރެސް ލޯނެއް ނަގާފައިވާ ކަސްޓަމަރަކަށް ނަގާފައިވާ ލޯނުގެ އަދަދު އިތުރު ކުރެވޭ ގޮތަށް ހަމަޖެއްސާފައެވެ.