މުނިފޫހިފިލުވުން

އަފްޒަލް އާއި އާމިރުގެ ކުރެހުންތައް ބެއިޖިންގައި ދައްކާލަނީ


ރާއްޖޭގެ ދެ ފަންނާނެއްގެ ހުނަރުވެރި ކުރެހުންތައް ދައްކާލުމަށް ބެއިޖިންގައި އަރޓް އެގްޒިބިޝަނެއް ފަށައިފިއެވެ.

ވިޝަންސް މޯލްޑިވްސްގެ ނަމުގައި ކުރިޔަށް ގެންދާ މި އެގްޒިބިޝަނުގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުންތަކަކީ، ކުރެހުމުގެ ދާއިރާގައި ޙަރަކާތްތެރިވާތާ ފަންސަވީހަށްވުރެ ގިނަ އަހަރުވެފައިވާ ދިވެހި ދެ ފަންނާނުންކަމަށްވާ އަފްޒަލް ޝާފިއުއާއި އަޙްމަދު އާމިރުގެ ކުރެހުންތަކެކެވެ.

ޗައިނާ އިންޓަރނޭޝަނަލް ކަލްޗަރަލް އެކްސްޗޭންޖް ސެންޓަރުގައި ކުރިޔަށްދާ މިއެގްޒިބިޝަނަކީ އެސެންޓަރުން އިންތިޒާމްކޮށްގެން ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ގުޅިގެން ބާއްވާ އެގްޒިބިޝަނެކެވެ.

މިއެގްޒިބިޝަންގައި ކުރެހުންތައް ދައްކާލާ އެއް ފަންނާނުކަމަށްވާ އަފްޒަލް ބުނިގޮތުގައި މި އެގްޒިބިޝަނުގައި ދައްކާލާ އޭނާގެ ކުރެހުންތަކަކީ 2017 ވަނަ އަހަރުން ފެށިގެން އޭނާ ކުރަހާފައިވާ ކުރެހުންތަކެކެވެ.

"މިއެގްޒިބިޝަންގައި ގާތްގަނޑަކަށް 53 ޕެއިންޓިންސް ހުންނާނެ ބަހައްޓާފައި. ދެން އިންސްޕިރޭޝަނަކީ، އޭގެ ބޮޑުބަޔަކީ ހަމަ އެންވާރަމަންޓަލް ތީމްސްއަށް ހަދާފަހުރި އެއްޗެހި، ދެން ބާކީ އެއްޗެއްސަކީ ޕާސަނަލް އެއްޗެހި.”އަފްސަލް ބުންޏެވެ.

މި އެގްޒިބިޝަނުގައި ކުރެހުންތައް ދައްކާލާ އަނެއް ފަންނާނު ކަމަށްވާ އާމިރު ބުނީ، މިއެގްޒިބިޝަނުގައި ބައިވެރިކޮށްފައިވާ އޭނާގެ ކުރެހުންތަކަކީ މިއެގްޒިބިޝަނަށް ޚާއްޞަކޮށްގެން ވޭތުވެދިޔަ ތިން މަސްދުވަހު ތައްޔާރުކޮށްފައިވާ ކުރެހުންތަކެއް ކަމަށެވެ.

"މިކޮޅުގައި ތިރީސް ފަސް ޕެއިންޓިންސް އުޅޭނެ. ދެން އިންސްޕިރޭޝަނަކަށް ޓްރެވަލްކޮށްފައި ހުރި ތަންތަނާއި. ތިން އަހަރުވަރު ނޭޕާލްގައި އުޅެފައި އައިސް ނޭޕާލްގެ އެކްސްޕީރިއަންސަސްއާއި، ދެން ގިނަވާނީ ރާއްޖޭގެ މަންޒަރުތަށް. ރާއްޖޭގެ ބީޗް ސައިޑް، ދިރިއުޅޭ ސަރަހައްދު، އަންޑަރވޯޓަރ، ދެން ދޯނި އަދި އެބްސްޓްރެކްޓް އާޓް:" އާމިރު ބުންޏެެވެ.

އެބްސްޓްރެކްޓް އާރޓްސް އާއި ރިއަލިސްޓިކް އަދި ސްރިއަލް އަރޓްގެ ކުރެހުންތައް ހިމެނޭ މި އެގްޒިބިޝަން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.