ސިޔާސީ

ބޮޑު ޚިޔާނާތާއި ގުޅިގެން އާރިފާއި އަދުރޭ ދެއްކީ ސިޔާސީ ވާހަކަ


އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވާހަކަ ދެއްކެވީ ސިޔާސީ ވާހަކަތަކެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަބްދުއްރަހީމާއި އަލީ އާރިފް ދެއްކި ވާހަކަތަކާއި ގުޅިގެން އެ ދެ މެންބަރުން އޭސީސީއަށް ހާޞިރުކޮށް ވަނީ ސުވާލުކޮށްފައެވެ

އަބްދުއްރަހީމް އެސީސީއަށް ހާޒިރުކޮށް ސުވާލުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނޯ އެމްޑީޕީ މެމްބަރުންނަށްކަމަށާއި އެ މެމްބަރުންނަކީ ކޮންބައެއްކަން އެގިވަޑައިގަންނަވާކަމަށް ވިދާޅުވުމުންނެވެ. އަލީ އާރިފް އޭސީސީއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 32 މިލިއަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނެންގެވިކަމަށް ތުހުމަތުކޮށް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އެ ވާހަކަތަކާއި ގުޅިގެން އޭސީސީން ކުރިޔަށް ގެންދިޔަ ތަހުޤީގު ނިންމާ މިއަދު އާއްމުކުރި ރިޕޯޓްގައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށްކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނުކަމެއްވެސް އަބްދުއްރަހީމާއި އާރިފަށް ނޭނގޭކަމަށް ބުނެފައިވާކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށް އެ ދެބޭފުޅުން ވިދާޅުވެފައިވާކަމަށާއި ސިޔާސީ ގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެކަމަށް އަބްދުއްރަހީމާއި އާރިފު ވިދާޅުވިކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ.

އޭސީސީގެ ތަހުޤީގުގައި އާރިފާއި އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ބެހި ވާހަކަ އަޑު އިވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނުކަމެއް ފާހަގަކުރިކަމެއް ބުނެދޭން ނޭނގޭކަމަށެވެ.

އޭސީސީން ވިދާޅުވީ ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާ ފަރާތްތަކުން ސިޔާސީ މަޤުސަދުތަކެއް ޙާސިލްކުރުމުގެ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިންވެސް މިފަދަ ބައެއް ވާހަކަތަކާ ގުޅިގެން އޭސީސީއަށް ޙާޒިރު ކުރި ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ، އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ހޯދުމެއްނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކާފައިވާކަން އޭސީސީން ފާހަގަކުރެއެވެ.

އޭސީސީން ވިދާޅުވީ މިފަދަ ކޮންމެ މައްސަލައެއްގެ ތަހުޤީޤަށް ޙާޒިރުކުރުމުން އޭސީސީއަށް ދީފައިވާ މައުލޫމާތުތަކުން އެވާހަކަތައް ދައްކާފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައިކަމާއި އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ކުރިޔަށް ގެންދެވޭ ވަރަށް މަޢުލޫމާތު ދީފައިނުވާކަން އެސީސީގެ ރިޕޯޓްގައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ އިތުބާރު ހިފޭ މިފަދަ މަގާތަކުގައި ތިބޭ ފަރާތަކުން ދައްކާ ވާހަކަތަކީ ވަކި ބައެއްގެ މަސްލަހަތު ހިމާތަތްކުރުމަށް އަދި ސިޔާސީ ގޮތުން ވަކި ފާއިދާ އެއް ޙާސިލްކުރުމަށް ދައްކާ ވާހަތަކަކަށް ނު ހަދާ ޒިންމާދާރުކަމާއެކު ވާހަކަތައް ދެއްކުމަށާއި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުދެއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.