ސިޔާސީ

ދެ ދިވެހިން ދޫނުކުރަނީ ބައެއް އިދާރާތަކުން ބޭނުންވާ ކްލިއަރެންސް ނުލިބިގެން - ސަފީރު


ސްރީލަންކާގައި ހައްޔަރުކުރި ދެ ދިވެހިން މިހާތަނަށް ދޫކޮށްފައި ނުވަނީ އެޤައުމުގެ ތިން އިދާރާއަކުން ބޭނުންވާ ކްލިއަރެންސް ލިބުމުގައި އިދާރީ ލަސްތަކެއް ކުރިމަތިވުމުންކަމަށް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ހިންގަމުންގެންދާ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ދިވެހިންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ އެޤައުމުގައި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ކިޔަވަމުންދާ ދަރިވަރެއްގެ ފޮތެއް އެ މީހުން އުޅުނު ގެއިން ފެނުމާއި ގުޅިގެންނެވެ.

ލަންކާގައި ހަައްޔަރުކޮށްފައިވާ ދިވެހީންގެ ބަންދުގެ މުއްދަތު އިއްޔެ އަނެއްކާވެސް އިތުރުކުރުމާއި ގުޅިގެން ޕީ.އެސް.އެމުން ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ލަންކާގައި ހުންނަވާ ދިވެހި ސަފީރު، ޢުމަރު ޢަބްދުއްރައްޒާޤު ވިދާޅުވީ، އެ ގައުމުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އެންޓި ޓެރަރިޒަމާގުޅޭ ޤާނޫނުތަކުގެ މާއްދާތަކަށް ޚާއްސަ އިސްކަމެއްދީގެން ތަންފީޒުކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމުއްދަތުގެ ތެރޭގައި ބަލާފާސްކޮށް އެކި ކަންކަމުގެ ތުހުމުތުގައި ހައްޔަރުކުރާ ދިވެހިންވެސް އަދި އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންވެސް ކޯޓުން ދޫކުރުމަށް ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި، ސްޓޭޓް އިންޓަލިޖެންސް ސަރވިސްއާ، ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ކްލިއަރެންސް ހޯދަންޖެހޭކަމަށް ސަފީރު ވިދާޅުވިއެވެ.

މިދުވަސްވަރު އެގޮތަށް ބަލާފާސްކޮށް މީހުން ހައްޔަރު ކުރަމުންދިއުމުގެ ސަބަބުން ލަންކާގެ ކަމާއިގުޅުހުންހުރި އިދާރާތަކުގެ މަސައްކަތްތައް ގިނަވެ އިދާރީ ގޮތުން ލަސްތަކާއި ކުރިމަތިވާކަމަށާއި، އެނޫން އިތުރު މައްސަލައެއް އެ ދެ ދިވެހިންގެ މައްސަލާގައި ނެތް ކަމަށް ސަފީރު ވިދާޅުވިއެވެ.

"ބައިވަރު މީހުން ހައްޔަރުކުރަމުންދާއިރު، އެމުއައްސަސާތަކުގެ މަސައްކަތްތައްވެސް ބުރަވެފައި އޮންނަނީ. އެހެންވެ އެމީހުންނަށް ކްލިއަރެންސްތައް ނުލިބޭތީ އަނެއްކާވެސް މުއްދަތުޖެހީ، އަނެއްގޮތަށް އިތުރު މައްސަލައެއް އޮވެގެނެއްނޫން. މީއީ ސްޓޭންޑަޑް ޕްރޮސީޖަރއެއް އިނގޭތޯ، ސްޓޭޓް އޮފް އިމާޖެންސީގައި އެކްލިއަރެންސްތައް ލިބުނީމަ ދޫކޮށްލަނީ. އެނގިލައްވާނެ ބައެއް އެހެން ކަންކަމުގައި އިތުރު ދިވެހިންވެސް ހައްޔަރުކުރި، އެކަމަކު އެންމެވެސް އެމީހުންވެސް ދޫކޮށްލައިފި، ދެންތެިބި މީހުންވެސް އިރާދަކުރެއްވިޔާ ވަރަށް އަވަހަށް ދޫކޮށްލާނެ"

ލަންކާގައި ހައްޔަރުކުރި ދެ ދިވެހިންގެ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ކޯޓުގައި ބާއްވާނެއެވެ. އެދުވަހަށް ކްލިއަރެންސް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށާއި، އެހިސާބުން އެދެމީހުންވެސް ދޫކޮށްލާނެކަމަށް ޤަބޫލުކުރެވޭކަމަށް ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން ލަންކާގައި މިހާރު ހައްޔަރުކޮށްފައިތިބީ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކު އެވެ. އަދި އެމީހުން ހައްޔަރުކުރި ގެއިން ފެނުނު ފޮތަކީ އެމީހުންނާއި ގުޅުމެއްހުރި ފޮތެއްވެސް ނޫންކަމަށްވަނީ މައުލޫމާތުލިބިފައެވެ.