ޚަބަރު

ސްޕެއިންގެ ރިއު ހޮޓެލްސްއިން ރާއްޖޭގައި ތަރައްޤީކުރި ދެ ރިސޯޓް ހުޅުވައިފި


ސްޕެއިންގެ ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި ދެ ރިސޯޓް ހުޅުވައިފިއެވެ.

ދ އަތޮޅު ކެދިގަނޑުގައި ތަރައްޤީކޮށްފައިވާ ރިއު ޕެލެސް މޯލްޑިވްސް އަދި ރިއު އެޓޯލް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގެ އިތުރުން ރިއު ހޮޓެލްސްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

"ހޮޓެލް ރިއު ޕެލެސް މޯލްޑިވްސް" އަކީ ފަސްތަރީގެ ރަށެކެވެ. އަދި "ރިއު އެޓޯލް" އަކީ ހަތަރު ތަރީގެ ރަށެކެވެ.

"ދަ ރިއު ޕެލެސް މޯލްޑިވްސް" ތަރައްޤީކޮށްފައިވަނީ، ސީދާ ބީޗަށް ފެބޭގޮތަށް ހުންނަ ވިލާތަކެއް ހިމެނޭގޮތަށެވެ. މިތަނުގައި 176 ކޮޓަރި ހުރެއެވެ. މީގެ އިތުރުން ރިއު އެޓޯލް ގެ ރޫމްތަކުން ގޮޑުދޮށް ފެންނަން ހުންނައިރު މިތަނުގައި 264 ކޮޓަރި ހުރެއެވެ.

މި ދެ ހޮޓަލުގައިވެސް ގެސްޓުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބެން ހުންނާނެއެވެ. އަދި ހޮޓާތަކުގައި އިންފިނިޓީ ޕޫލްތައް ހިމެނޭ ގޮތަށް ތަފާތު ޚިދުމަތްތައް ލިބެން ހުންނާނެއެވެ. ހޮޓެލް ރިއު ޕެލެސް މޯލްޑިވްސް އަދި ރިއު އެޓޯލް ވޯކްވޭއަކުން ގުޅާލާފައިވާއިރު، މި ދެ ރަށްވެސް ތަރައްޤީކޮށްފައިވަނީ، ސިނަމާލެ ބްރިޖް މަސައްކަތްކުރި ޗައިނާގެ ސީސީސީ ކުންފުނިންނެވެ.