ސިޔާސީ

ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލު ބަދަލުކުރަން މަޝްވަރާ ކުރަނީ


އަންނަ ހޯމަ ދުވަހު ސިޔާސީ ޕާޓީތަކާއި އެކު އިލެކްޝަންސް ކޮމިޝަނުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އަންނަ ގޮތް ބަދަލުކުރަން ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރުމަށް ހޯމަ ދުވަހު ބާއްވާ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުންވަނީ ދައުވަތު ދެއްވާފައެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ކޮންމެ މީޑިއާއަކުން އެއް ބޭފުޅަކަށް އެބައްދަލުވުމުގައި ބައިވެރިވުމަށް އިލެކްޝަނުން ވަނީދައުވަތު ދީފައެވެ.

އެބައްދަލުވުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ބާއްވާ އެބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށް އެކޮމިޝަނުން ގިނަ ކަންތައްތަކެއް ހުށަހަޅާނެކަމަށެވެ.

އެގޮތުން އެންމެ އިސްލަމެއް ދީގެން ހުށަހަޅާނީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލު އެއްކޮށް ބަދަލުކުރުމަށާއި، އަދި ޕާޓީތަކުގެ ކައުންސިލާއި ލީޑަރޝިޕުން 30 އިންސައްތަ އަންހެންނުނަށް ޚާއްސަ ކުރަންވެސް ބައްދަލުވުމަށް ހުށަހަޅާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް އިސްލާޙު ހުށަހެޅުމަށާއި، ވޯޓު ކަރުދާހުގައި ފާހަގަޖެހުމާއި ގުޅޭގޮތުން ޤާނޫނަށް ގެނެސްފައިވާ ބަދަލުވެސް އަލުން އިސްލާޙުކުރުމަށް މަޝްވަރާކުރުމާއި، ޕާޓީތަކުން ހުށަހަޅާ މާލީ ބަޔާންތަކާއި އޮޑިޓް ރިޕޯޓްތައް ބަލައި ދިރާސާކުރުމުގެ އުސޫލެއް ހެދުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު ފަށާ މި މަޝަވަރާ ބައްދަލުވުން ކުރިއަށްގެންދާނެ މުއްދަތެއް ކަނޑައަޅާނީ ބައްދަލުވުމުގެ ބައިވެރިގެ ޚިޔާލާއެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވިއެވެ.