ތިމާވެށި

ރުއްގަހުގެ ގަވާއިދު އިސްލާހު ކުރަން ރައްޔިތުންގެ ޚިޔާލަކަށް


ރުއްގަސް ކޮނެގެން ނެގުމާއި ކެނޑުމާއި އުފުރުމާއި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭގަވާއިދު އިސްލާހު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ރުއްގަހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްޞަ ފޯރަމެއް ބާއްވަން ނިންމާފައެވެ. އެގޮތުން މި ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދައުވަތު ދިނުމުގެ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މި ފޯރަމާއި ގުޅޭގޮތުން މިނިސްޓްރީން ކުރި ޓްވީޓްގައި ވަނީ ރުއްގަހުގެ ގަވާއިދު އިސްލާހް ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފޯރަމް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ގައި ރަސްރަނި ބަގީޗާގެ (އެންފިތިއޭޓާ)ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީގެ ޓްވީޓަށް ތާއިދުކޮށް ގިނަ ރައްޔިތުން ވަނީ ކޮމެންޓް ކޮށްފައެވެ. އެގޮތުން ކޮމެންޓް ކުރި ފަރާތްތަކުން ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އެފަދަ ފޯރަމްތައް ބޭއްވުން މުހިންމު ކަމެއް ކަމަށް ބުނެފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ކުރެއްވި ޓްވީޓް

އެންވަޔަރަމެންޓް މިނިސްޓްރީން މިފަދަ ޓްވީޓް ކުރައްވާފައި މިވަނީ އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީ ކުރަމުން ގެންދާ ސިޓީ ސްކެއާއިން ރުއްތަކެއް ކަނޑާލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް އެ 26 ރުކުގެ ބަދަލުގައި 52 ރުއް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިންދާފައެވެ.