ކުޅިވަރު

ވިކްޓްރީ ބަލިކޮށް ވެޓްރަންސް ކަޕްގައި މާޒިޔާއިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފި


ވިކްޓްރީ ބަލިކޮށް ރަމަޟާން ވެޓްރަންސް ކަޕްގައި މާޒިޔާއިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ވެޓްރަންސް ކަޕްގައި މާޒިޔާއާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުން މާޒިޔާ މޮޅުވީ ތިނެއް ސުމަކުންނެވެ. މެޗުގައި މާޒިޔާގެ ލަނޑުތައް ޖަހައިދިނީ އާދަމް ލަރީފް، މުޙައްމަދު އަރީފްގެ އިތުރުން އަބދުލް ވާހިދު މުޙައްމަދެވެ. މެޗުގައި މާޒިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފައެވެ.

މެޗުގެ 45 އަހަރުން އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަހުމަދު ޝާހިދު (ސާބެ)އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުޚުތާރު ނަސީރެވެ.

މާޒިޔާއިންވަނީ މިހާތަނަށް އެޓީމް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ދިވެހި ސިފައިންގެ ކުލަބު އަތުން އެކެއް ސުމަކުން މޮޅުވިއިރު، އެޓީމުންވަނީ ފަސޭހަކަމާއިއެކު ޕޮލިސް ކުލަބުވެސް ބަލިކޮށްފައެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ.