ޚަބަރު

ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި


އައްޑޫސިޓީ ހިތަދޫ ކުނިކޮށީގައި މިއަދު ރޯވެއްޖެއެވެ. ކުނި ކޮށީގައި ރޯވުމާއި ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ، ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:32 ހާއިރުކަމަށެވެ. މި ކުނި ކޮށްޓަކީ ވެމްކޯއިން ބަލަހައްޓަމުން ގެންދާ ކުނި ކޮށްޓެކެވެ. ވެމްކޯގެ ސައުތު ރީޖަނަލް މެނޭޖަރ ޝާފިއު ޖަމީލް ވިދާޅުވީ އެވަގުތު އަލިފާންގަޑު ނުފެތުރޭނެހެން އެމްއެންޑީއެފްއާއި ވެމްކޯގެ މުވައްޒަފުންގެ އެހީތެރިކަމާއެކު، އެސަރަޙައްދުގައި ހުރި ކުނިތައް ވަކިކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތް ދެއެވެ.