ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް ފަށާ މި މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކާއި ކަމާއި ގުޅުންހުރި މުޢައްސަސާތަކުން ބައިވެރިވާނެކަމަށް އެކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އިލެކްޝަނުން ވިދާޅުވީ އެ ބައްދަލުވުންތަކުގައި ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވާރާ ކުރުމަށް ނިންމާފައިވާކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ގެނެސްގެން ނަމަވެސް ޕާޓީތަކުގެ ކައުންސިލާއި ލީޑަރޝިޕުން 30 އިންސައްތަ އަންހެންނުނަށް ޚާއްސަ ކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމު ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނޫތަކަށް އިސްލާހު ހުށަހެޅުމަށް ބާއްވާ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްސަފުން އަންހެނުނަށް ވަކި މިންވަރެއް ޚާއްސަކުރުމުގެ ޚިޔާލު ހުށަހަޅާނެ ކަމަށްވެސް އަކުރަމު ވިދާޅުވެފައިވެއެވެ.
ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް އަކްރަމު ގޮވާލި ގޮވާލުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިންވެސް ވަނީ ތާއީދުކުރައްވާފައެވެ. އަދި މުއްސަނދި ހިންގުމުގެ ނިޒާމަކަށް ތަފާތު ޚިޔާލުތަކާއި ތަޖުރިބާ ބޭނުންވާކަމަށާއި، ހަރުދަނާ ހިންގުމުގެ ނިޒާމަކަށް ސިޔާސީ ނިންމުން ނިންމޭ ފަންތީގައި އަންހެންނުންގެ ހިއްސާ އިތުރު ކުރުމުގެ މުހިއްމުކަން އެޖަމިއްޔާއިންވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ އިސްސަފުގައި އަންހެނުން އިތުރު ކުރަންޖެހޭކަމަށްވެސް ޓްރާންސް ޕޭރަންސީން ބުނެއެވެ.
ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ސަރުކާރުންވެސް ވަނީ ލާމަރުކަޒީ ގާނޫނަށް އިޞްލާޙު ހުށަހަޅާފައެވެ. އެ އިޞްލާޙުގައިވަނީ ކޮންމެ ކައުންސިލަކަށްވެސް އަންހެން ކައުންސިލަރުން އިންތިޚާބުކުރުން ލާޒިމްކޮށްފައެވެ. އެގޮތުން ކޮންމެ ކައުންސިލެއްގައި %33 އަންހެނުން ހިއްސާވާންޖެހޭކަމަށް ބުނެފައިވާއިރު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އުޖޫރަ ކަނޑައެޅުންވެސް ހިމަނާފައިވެއެވެ.