ޚަބަރު

ނޮޅިވަރަންފަރު ހައުސިން ޔުނިޓްތައް ފަށަން ތައްޔާރު!


ހދ.ނޮޅިވަރަންފަރުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެރަށުގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ ސަތޭކަ ފަސްދޮޅަސް ހައުސިން ޔުނިޓްތެރެއިން ފަސްދޮޅަސް ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވާން މިހާރު ވަނީ ފާށާފައެވެ. މި މަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓަރާ، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސައިޓް ޙަވާލުކުރުމަށް ހައުސިން މިނިސްޓްރީން މިހާރުދަނީ މަސައްކަތްކުރަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ހައުސިންގ މަޝްރޫޢުގެ ގޮތުގައި ކުރިއަށްދާ މި މަޝްރޫޢުގެދަށުން ނޮޅިވަރަންފަރުގައި ގެދޮރުނެތިފައި ތިބި ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

2011 ވަނަ އަހަރު ވަނީ ހދ.ފަރިދޫ އާއި މައިވާދޫގެ އިތުރުން އެއަތޮޅު ކުނބުރުދޫން ނޮޅިވަރަންފަރަށް މީހުން ބަދަލުކޮށްފައިވެއެވެ. އޭގެ އެއް އަހަރުފަހުން 2012 ވަނަ އަހަރު ނޮޅިވަރަންފަރުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބައެއް ޢާއިލާތަކަށް ބޯހިޔާވަހިކަން ލިބިފައިވީނަމަވެސް އަދިވެސް ފަންސާސް ދެ އާއިލާއަކަށް ވަނީ ދިރިއުޅޭނެ ހިޔާވަހިކަމެއް ނުލިބިއެވެ.

އައު ސަރުކާރުން ވެރިކަމާއި ހަވާލުވެ ކުރިއަށްގެންދާނެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގައި ނިންމާފައި މިވަނީ މިހާތަނަށް ނޮޅިވަރަންފަރުގައި ބޯހިޔާވަހިކަން ނުލިބިތިބި ފަންސާސް ދެ ޢާއިލާއަށް ބޯހިޔާވަހިކަން ހޯދައިދިނުމެވެ.

މިމަސައްކަތް އެއް އަހަރުދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި މެރިސް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏަކާ ހައުސިންގ މިނިސްޓްރީން ވަނީ ހަވާލުކުރައްވާފައެވެ.