ޚަބަރު

އޯއީސީޑީ ޤައުމުތަކުން ކިޔެވުމުގެ ފުރުޞަތު ނުލިބުނު ދަރިވަރުންނަށް އެ ފުރުޞަތު ހުޅުވާލައިފި


2017 ވަނަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން އޯއީސީޑީގެ ޤައުމުތަކުން ކިޔެވުމުގެ ފުރުޞަތު ގެއްލުނު ދަރިވަރުންނަށް އަލުން ކިޔެވުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2017 ވަނަ އަހަރު ހައި އެޗިވަރސް ސްކޮލަރޝިޕް ލިބުނު 2 ބެޗެއްގެ 79 ދަރިވަރުންނަށް އޯއީސީޑީ ޤައުމުތަކުގައި ކިޔެވުމުގެ ފުރުޞަތު ގެއްލިފައިވާކަމަށެވެ. އެހެންކަމުން އެ ދަރިވަރުންނަށް އަލުން ފުރުޞަތު ހޯދައިދޭން ނިންމާފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގައި ހައިއެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ޤައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު ޔުނިވަރސިޓީތަކުން
ކިޔެވޭ ސްކީމަކަށް ހެދުމަށް ނިންމަވާފައިވާތީއެވެ. އެހެންކަމުން އެ ދަރިވަރުންނަށް އަލުން ފުރުޞަތު ދޭން ނިންމާފައިވަނީ ރައީސްގެ އެ ނިންމެވުން ތަންފީޒް ކުރަން ފަށާފައިވާތީ އެ މަސައްކަތުގެ ދަށުން ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ދަރިވަރުން އަންނަ ޖޫން މަހުގެ 30ގެ ކުރިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްކޮލަރޝިޕް ސެކްޝަންގެ އީމެއިލްއަށް އެކަމަށް އެދި މެއިލް ފޮނުވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑަކީ މަތީސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ ޢިލްމީގޮތުން ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް، ދިވެހި ސަރުކާރުން ފަށާފައިވާ ސްކީމެކެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބޭނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން 'ފަސް އޭ"ފާސް ހޯދާ ދަރިވަރުންނަށެވެ. މީގެ ތެރޭގައި ދިވެހި އިސްލާމް މާއްދާ ހިމެނެންޖެހެއެވެ.