ޚަބަރު

ފަޒީލްގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފި


ލ.ގަމުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.

ފަޒީލް ހައްޔަރުކޮށްފައި ވަނީ ގަމުގައި ޢުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރިގަނެފައިވާކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އިތުރު ދެ މީހަކުވެސް ހައްޔަރުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް މިމަހުގެ ހަތްވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޝިމާ ގެއްލުނު ހާދިސާއާއި އޭގެ ފަހުން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު މައްސަލާގައިވެސް ފަޒީލް ވަނީ ހައްޔަރުކޮށްފައެވެ. ޢެހެންނަަމަވެސް މި ދެމައްސަލައިގެ ތަހުޤީގަށްފަހު ފަޒީލްވަނީ ދޫކޮށްލާފައެވެ.

ޝިމާ ގެއްލުނު މައްސަލާގައި ފަޒީލް ދައްކާފައިވާ ވާހަކަތަކާމެދު ޝައްކު އުފޭދޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ފަޒީލް ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތް، ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާކަމަށެވެ.

ޝިމާ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީއަށް ހުށައަޅާފައެވެ.