ޚަބަރު

ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަނީ ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެގެން- ފެނަކަ


ރާއްޖޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަނީ މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ޖަނަރޭޓަރުތަކަށް ލޯޑުބޮޑުވާތީކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ފެނަކަ ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލް އަޙްމަދު ހިލްމީ ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުން ކަރަންޓު ކެނޑުމުގެ ޝަކުވާ އެ ކުންފުންޏަށް ހުށަހަޅަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ އެކުންފުނިން ބެލި ބެލުމުން މިހާތަނަށް މިގޮތަށް މެދުވެރިވާ ސަބަބެއްކަމަށް ފާހަގަކުރެވިފައިވަނީ ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެގެންކަން ފާހަގަކުރެވިފައިވާކަމަށެވެ. ހިލްމީ ވިދާޅުވީ މިދުވަސްވަރަކީ ހޫނުގަދަދުވަސްވެރެއްކަމުން އާންމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ ގޭތެރޭގައި ބޭނުންކުރާ އެކި އާލާތްތައްވެސް ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވުމުން އެހެން މަސްތަކާ އަޅާ ބަލާއިރު މިދުވަސްވަރަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސް ވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި އެންމެ އެކަށޭނަ ކަރަންޓުގެ ޚިދުމަތްދެވޭވަރުގެ ކެޕޭސިޓީ ނެތްކަން ފާހަގަކުރައްވާ، ފަނަކައިގެ މީޑިއާ އޮފިޝަލް ވިދާވުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމައްޓަކައި ރާއްްޖޭގެ އެކި ރަށްރަށަށް ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން މެދުކެނޑުމެއްނެތި ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ރަށްރަށަށް އައު ޖަނަރޭޓަރުތައް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ބައެއް ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާވަރަކަށް ޕީކް ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުންދާތީ ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއިންވެސް ވަނީ ކަރަންޓް ބޭނުންކުރުމުގައި ސަމާލުކަންދީ ބޭކާރު ގޮތުގައި ކަރަންޓް ބޭނުންކުރުން މަދު ކުރުމަށް ސަމާލުވުމަށް އިލްތިމާސްވެސް ކޮށްފައެވެ.