ސައޫދީ އަރަބިޔާއިން ޔަމަނަށް ދިން ވައިގެ ޙަމަލާތަކެއްގައި އަށާވީސް މީހުން މަރުވެ ތިންސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.ޔަމަންގެ ވެރިރަށް ސަންއާއިން ލިބޭ ޚަބަރުތައް ބުނާގޮތުން ސައޫދީންގެ ވައިގެ ޙަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ސަންއާގެ ދެކުނުގައިވާ ޔަމަން ސިފައިންގެ ހަތިޔާރު ގުދަނެއް ހިމެނެއެވެ.ސަންޢާގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުން މިއީ ސައޫދީ ސިފައިން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގެ ތެރެއިން މިހާތަނަށް ދިން އެންމެ ވަރުގަދަ އަދި އެންމެ ގިނަބަޔަކު އެއްފަހަރާ މަރުވި ޙަމަލާއެވެ. މިޙަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ސަންއާގެ ދެކުނުގައިވާ ޔަމަން ސިފައިންގެ ދެ މަރުކަޒެއްކަމަށްވާ އަލްހަފާ އާއި ޖަބަލް އީބާން އާއި ޔަމަންގެ ޖުމްހޫރީ ލަޝްކަރުގެ ކޭންޕަކާ އަދި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ހިންގަވާ ޓީވީ ސްޓޭޝަނެއްވެސް ހިމެނެއެވެ. މީގެތެރެއިން އަލްޙަފާ މަރުކަޒަކީ އަކީ ޔަމަން ސިފައިން ގެ ރޮކެޓް ގުދަނެއް ކަމަށާ ޖަބަލް އީބާން އަކީވެސް ޔަމަން ސިފައިންގެ ހަތިޔާރު ގުދަނެއްކަމަށް މައުލޫމާތު ލިބެއެވެ.މިގުދަންތަކަށް ސައޫދީ ސިފައިން ބޮންއެޅުމުން އެތަންތަނުގައިވާ ރޮކެޓްތަކާއި ހަތިޔާރުތައް ގޮވައި މުޅި ސަންއާ ގުޑައިގެން ދިޔަކަމަށް އެރަށުގެ އާންމުން ބުނެއެވެ.ސައޫދީ ސިފައިންގެ މި ޙަމަލާތަކުގައި އަށާވީސް މީހުން މަރުވެ ތިންސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު މީގެތެރޭގައި ގިނައަދަދެއްގެ އާންމުންވެސް ހިމެނޭކަމަށް މަންޒަރު ދުށްމީހުންނާ ޙަވާލާދީ ބައިނަލްއަގްވާމީ ނޫސްއެޖެންސީތަކުން ޚަބަރުދެއެވެ.އަނެއްކޮޅުން ޔަމަންގެ ހަނގުރާމަ ހޫނުވެ އިތުރަށް ފުޅާވަމުންދާތީ އެމެރިކާ ވަނީ ޔަމަންގެ ކަނޑުގެ އައްސޭރި ފަށަށް މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވާފައެވެ. ޕެންޓަގަން ބުނާގޮތުން މިއީ ޔަމަންގެ ހަނގުރާމަ ކުރިޔަށްދާގޮތް އިތުރަށް ބަލައި މޮނިޓަރކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްޓަކައި ފޮނުވި މަނަވަރެކެވެ. މިމަނަވަރު ޔަމަންގެ ހަނގުރާމައިގާ ބައިވެރިނުވާނެ ކަމަށް އެމެރިކާ ބުނެއެވެ.ސައޫދީން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކަށް އެއްމަސް ވާން ގާތްވެފައިވާއިރު އެޙަމަލާތަކުގެ މަގްސަދް ޙާސިލްވެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޙަމަލާތަކުގެ ބޭނުމަކީ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާއި އީރާނުގެ ތާއީދު ލިބިފައިވާ ޙޫޘީންގެ ބާރުތައް ބަލިކޮށް ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ވެރިކަން ހޯދައި ދިނުން ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވާއިރު ޙޫޘީންގެ ލީޑަރު އަބްދުލްމަލިކް އަލް ޙޫޘީ ވަނީ ސައޫދީންނަށް އަމާން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙަށް ތާއީދުކުރާ ޔަމަންގެ ސިފައިން އަދިވެސް ތިބީ ހަނގުރާމައިގެ ތެރެއަށް ނުވެދެ ކަމަށާ ސައޫދީން އެއްގަމު މަގުން ޔަމަނަށް އަރަން މަސައްކަތްކޮށްފިނަމަ ޔަމަންގެ ސިފައިން ގެ ލަޝްކަރުތައް ހަނގުރާމައަށް ވަނުމަކީ ގާތްކަމެއް ކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ.