ޚަބަރު

ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުބެލެވޭ - އިމްރާން

އެފް.އޭ.އެމުން ރާއްޖޭގެ އެންމެ ކާމިޔާބު އެއްޓީމު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުބެލެވޭ ކަމަށް ތަޖްރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފައެވެ.

ކުޅުންތެރިންގެ މުސާރައިގެ މައްސަލާގައި އެފް.އޭ.އެމުން ނިއުރޭޑިއަންޓް އެފް.އޭ.އެމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރުމަށްފަހު ކުޅުންތެރިންނަށް ނުދީއޮތް މުސާރަ ދިނުމަށްވެސް ވަނީ އަނގާފައެވެ. އެހެންނަމަވެސް އިމްރާން މުހައްމަދު ބުނީ އެފް.އޭ.އެމުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމުން ކްލަބަށް ފައިސާ ވަންނާނެ ހުރިހާ ދޮރެއްވެސް ބަންދުކުރެވުނީ ކަމަށާއި ކްލަބަށް ފައިސާ ލިބޭނެ މަގެއް ނެތުމުން ކުޅުންތެރިންގެ ހައްގު ގެއްލިގެންދާކަމަށެވެ.

މުސާރަ ލިބޭނެ ދުވަހެއްވެސް ނޭންގޭ ކަމަށާއި އެފް.އޭ.އެމަށް އިމްރާން މުސާރަ ނުލިބުމުން ލީ މައްސަލާގައިވެސް އަލިމަގެއް މިހާތަނަށްވެސް ފެނިފައިނުވާކަންވެސް ކީޕަރު އިމްރާން ވަނީ ފާހަގަކޮށްފައެވެ. އަދި ނިއު ސަސްޕެންޑް ކުރުމުން ރާއްޖޭގެ ވަރަށް ގިނަ ކުޅުންތެރިންނަށް އެކަމުގެ ގެއްލުން ކޮށްފައިވާ ކަމަށްވެސް އިމްރާން ފާހަގަކުރިއެވެ.

ކީޕަރު އިމްރާން ވަނީ މިދިޔަ ސީޒަންގެ މެދުތެރެއިން ނިއުއިން އޭނާއަށް ދޭން ޖެހޭ މުސާރަ ނުދޭތީވެ ކްލަބަށް ކުޅުން ހުއްޓާލާފައެވެ. އަދި އެ މައްސަލަ އެފް.އޭ.އެމަށް ވައްދާފައިއެވެ.

އިމްރާން ބުނީ އެންމެ ފަހުން މަސައްލައަށް ވީގޮތެއް ބެލިއިރު އެފް.އޭ.އެމުން ބުނީ ތިރީސް ދުވަހުގެ ތެރޭގައި މުސާރަ ދޭން ނިއުރޭޑިއަންޓަށް އަނގާފައި ވާނެކަމަށެވެ. އެހެންނަމަވެސް އޭގެ މަހުން މިހާރު ތިރީސް ދުވަސް ވެގެން ގޮސްފި ކަމަށާއި އޭގެ ފަހުން އެއްވެސް ފަރާތަކުން ހަބަރެއް ނުވާކަމަށެވެ.

ކުރިއަށް އޮތް ސީޒަންގައި ކުޅެން އަދި ވަކި ކްލަބަކަށް ކުޅެން ނުނިންމާ ކަމަށާއި ފަހަރުގައި ދަނޑުމަތިން ނުފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައިވެސް އިމްރާން ވަނީ ފާހަގަކޮށްފައެވެ.