ރޯމާ ދޫކޮށްލަން ނިންމީ އަމިއްލައަށް ނޫންކަމަށާއި އެއީ ކްލަބްގެ ނިންމުމެއް ކަމުގައި ރޯމާގެ ގިނަދުވަސްވީ މިޑްފިލްޑަރު ޑެނިއެލެ ދެ ރޮސީ ބުނެފިއެވެ.
ކްލަބް ދޫކޮށްލުމުގެ ކުރިން ބޭއްވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރޮސީ ބުނީ އޭނާ ބޭނުންވަނީ އަދިވެސް ރޯމާގައި މަޑުކުރަން ކަމަށާއި ކްލަބް ދޫކޮށްލަން ޖެހުމަކީ ވަރަށް ދެރަވާ ކަމެއް ކަމުގައެވެ. އުމުރުން އެންމެ އެގާރަ އަހަރުގައި ރޯމާގެ ޔޫތް ޓީމާއެކު ކެރިއަރު ފެށި ދެ ރޮސީގެ މުޅި ހަޔާތް ހޭދަކޮށްފައިވަނީ އެ ކްލަބާއެކުއެވެ.
ދެ ރޮސީ ބުނީ އޭނާ މިސީޒަންގައި ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށާއި އޭނާ އަކީ ކްލަބްގެ ޑިރެކްޓަރެއްނަމަ އެކުޅުމަށް ބަލާ އިތުރު ހަރެއް ކްލަބްގައި ބަހައްޓަން ދެ ރޮސީގެ ފެންވަރުގެ ކުޅުންތެރިއަކަށް ދައުވަތު ދޭނެ ކަމުގައެވެ. އެހެންނަމަވެސް އެއީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ނޫންކަމަށާއި އެކަން ނިންމީ ކްލަބްގެ ވެރިން ކަމަށެވެ. އަދި ކްލަބުން ބޭނުން ނުވާހިނދަކު ކްލަބްގައި މަޑު ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަންވެސް ދެ ރޮސީ ވަނީ ފާހަގަކޮށްފައެވެ.
އުމުރުން ތިރީސް ހަ އަހަރުގެ ދެ ރޮސީ ބުނީ ރޯމާ ދޫކޮށްލިނަމަވެސް ފުޓްބޯޅަ ކުޅުން އޭނާ ހުއްޓާ ނުލާނެ ކަމަށާއި އޭނާ އަދިވެސް ދަނޑުމަތިން ފެންނާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ދެން ދާނީ ކޮން ކްލަބަކަށް ކަމެއް ދެ ރޮސީ އަދި ހާމައެއް ނުކުރެއެވެ.
ދެ ރޮސީ ވަނީ ރޯމާ އާއެކު ހޭދަކުރި އަށާރަ އަހަރުގެ ތެރޭގައި ޓީމަށް ހަ ސަތޭކަ ފަނަރަ މެޗު ކުޅެދީ ފަސްދޮޅަސް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެ ރޮސީ އަކީ ޓޮޓީގެ ފަހަތުން ރޯމާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއާއެވެ.
މީގެއިތުރުން ދެ ރޮސީ ވަނީ އިޓަލީގެ ޤައުމީ ޓީމަށްވެސް ސަތޭކަ ސަތާރަ މެޗު ކުޅެދީ އެކާވީސް ލަނޑު ޖަހާދީފައެވެ. އަދި ދެހާސް ހަވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި އިޓަލީ ޓީމުގައިވެސް ދެ ރޮސީ ވަނީ ހިމެނިފައެވެ.