ޚަބަރު

އަމާޒަކީ ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު ފިޠުރު ޢީދަށްފަހު ޢާއްމުކުރުން - ހަޔަރ އެޑިއުކޭޝަން

މިދޔަ މާރޗްމަހު ހުޅުވާލި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތުގައި ލޯނު ލިބުނު ފަރާތްތައް ޢީދު ބަންދަށް ފަހު އިޢުލާންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާރޗްމަހު ހުޅުވާލި ފުރުޞަތުގައި ނުވަ ސަތޭކަ ނުވަދިހަ ތިން ދަރިވަރަކު ފޯމް ހުށައަޅާފައިވާކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ އެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިހާރު ދާސްޕީޑްގައި އެމަސައްކަތް ކުރިއަށްދާނަމަ އަންނަ ފިޠުރު އީދު ބަންދަށްފަހު ލޯން ލިބުނު ދަރިވަރުންގެ ލިސްޓް ޢާއްމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މާރޗްމަހުގެ އެކާވީސްވަނަ ދުވަހުއެވެ. އަދި އެ ފުރުޞަތު އޭޕްރީލް މަހުގެ ތިރީސްވަނަ ދުވަހު ހަމަވިނަމަވެސް އެންސީއައިޓީގެ ސަރވަރއަށް ދިމާވި މައްސަލައަކާ ގުޅިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމުގައި ދަތިތަކެއް ދިމާވެގެން މިމަހުގެ ހަތަރުވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވެއެވެ.

މާރޗްމަހުގެ ލޯން ސްކީމްގެ ދަށުން ދުއިސައްތަ ސާޅީސް ދެ ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް ކިޔަވަންފަށާ ސަތޭކަ ފަންސާސް އަށް ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ އަށްޑިހަ ހަތަރު ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ލޯނު ސްކީމަށް ޖުމްލަ ފަންސާސް ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ހެދުމަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް ލޯން ދޭއިރު މި ލޯންތަކަށް ފައިސާ ދައްކަން ފަށަން ޖެހެނީ ކިޔަވައި ނިންމުމަށްފަހު ހަ މަސްފަހުންނެވެ. މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯން އަނބުރާ ދެއްކުމަށް ކުރިން ލިބޭ އެންމެ ދިގު މުއްދަތަކީ ފަނަރަ އަހަރު ނަމަވެސް، އަލަށް ދޫކުރާ މި ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ ޢަދަދަށް ބަލައި ވިހި އަހަރާ ހަމައަށް މުއްދަތު ލިބެއެވެ.