ޚަބަރު

ރަށްރަށުގައި ލައިފް ގާޑުންގެ ޙިދުމަތްދޭން ފަށަނީ


ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރަށްރަށުގެ ގޮނޑުދޮށް ސަރަޙައްދުގައި ސަލާމަތީ އިރުޝާދުތައް ހިމެނޭ ބޯޑުތައް ހަރުކުރުކޮށް، ލައިފް ގާޑުން ބެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާވެގެންދާއިރު، ފަތުރުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށް ޙާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތަކެއް ކުރުމަށް ޓޫރިޒަމް މިނިސްޓްރީންވަނީ ރާވާފައެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އީދަށްފަހު މި މަސައްކަތް ފަށައި، ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ލައިފް ގާޑުން އަމަލީ ގޮތުން މައިދާނަށް ނެރޭނެކަމަށެވެ.

" ނަމަކަށް ނޫން އެކަން ކުރާނީ، އަޅުގަނޑުމެން ބޭނުންވަނީ ހަމަ މެޑިކަލް ކިޓާއި، އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައި މިކަން ކުރާ ލެވަލްގައި މިކަން ކުރަން، އަޅުގަނޑުމެންގެ ޓާގެޓަކީ ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ޖެޓް ސްކީއެއްވެސް ލައިފް ގާޑުންނަށް، ހާއްސަކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

ގޮނޑުދޮށް ސަރަޙައްދުގައި ވޯޓަރ ސޭފްޓީ ބޯޑުތައް ހަރުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާއިރު، މި މަސައްކަތް ފަށައިގަތުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ އަދަދަކަށް އެނދު ހުރި ރަށް ކަމަށްވާ ހުޅުމާލެއިންނެވެ.

މާދަމާ މި މިމަސައްކަތް ފަށައިގަތުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ' ވޯޓަރ ސޭފްޓީ ބޯޑު' ތައް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބު، ނައުޝާދު މުޙައްމަދު ވިދާޅުވިއެވެ.

މިމަސައްކަތުގެ ޓްރައިލް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކ.ދިއްފުއްޓެވެ. ސޭފްޓީ ޕްރޮގްރާމް ފުޅާކުރުމުގައި އެންމެ އިސްކަން ދޭނީ އެނދުގެ އަދަދު ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައިކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.