ކުޅިވަރު

އަންވާރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އަތޮޅުތެރޭގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރަތް ކަމަށްވާ އަންވާރު ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އދ.ދަނގެތީ ޖަމްޢިއްޔަތުލް އަންވާރުން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ފިޘުރު ޢީދުގައި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އަންވާރު ފުޓްސަލް ކަޕަކީ ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ތަރިންތަކެއް ކޮންމެ އަހަރެއްގައިވެސް ފެނިގެންދާ މުބާރާތެކެވެ.

ކޮންމެ އަހަރަކުވެސް ބޮޑު ތަރުޚީބެއް ލިބިގެންދާ މިމުބާރާތުގައި މިއަހަރުވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސޯޅަ ޓީމަށެވެ.

ޗެމްޕިއަން ޓިމަށް ތިރީސް ފަސްހާސް (35،000) ރުފިޔާ އަދި ރަނަރަޕް ޓީމަށް ބާރަހާސް (12،000) ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މުބާރާތުގައި މިއަހަރުވެސް އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ މޮޅު ކޯޗުގެ އިތުރުން، އެންމެ މޮޅު ފަސް ކުޅުންތެރިން އަދި އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވުމަށްވެސް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުންވެސް ޓީމް ލިސްޓާއި އެކު އެންޓްރީ ފީއެއްގެ ގޮތުނައި ދެހާސް ފަސް ސަތޭކަ (2500) ރުފިޔާ ދައްކަން ޖެހޭނެއެވެ. މިއީ ޖަމްޢިއްޔަތުލް އަންވާރުން އިންތިޒާމުކޮށްގެން ބާއްވާ ނުވަ ވަނަ ފުޓްސަލް މުބާރާތެވެ. ފާއިތުވި ދެއަހަރުވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާކް އެކްސް ޓީމުންނެވެ.