ކުޅިވަރު

ހިންނަވަރު ފުޓްސަލް މުބާރާތުގެ ރޭގެ މެޗުތައް ހުރަވަޅި، ސްކޯޕިއަންސް އަދި ސޮސް ކާމިޔާބުކޮށްފި


ޅ. ހިންނަވަރުގައި ކުރިއަށްގެންދާ ކިއުއައި ފުޓްސަލް ފިއެސްޓާގެ ރޭގެ މެޗްތައް ހުރަވަޅި ފުޓުބޯޅަ ކްލަބް، ސްކޯޕިއަންސް އަދި ސޮސް ބޯއީސް ކާމިޔާބުކޮށްފިއެވެ.

ހުރަވަޅި އެފްސީ މެޗް ކާމިޔާބުކުރީ ޓޯރާބޯރާ އާ ވާދަކޮށް ހަޔެއް ތިނަކުންނެވެ. ޔޫސުފް އަދި ސަމީހު ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެ ގޯލް ޖެހިއިރު، ހުރަވަޅި އެފްސީގެ އަނެއް ދެ ގޯލް ޖަހައިދިނީ ޝާމް އަދި ޝިހާމެވެ. ޓޮރަބޯރާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މުއާޒެވެ. އަނެތް ލަނޑު ޖަހައިދިނީ އިބްރާހިމެވެ.
މެޗްގެ މޮޅުކުޅުންތެރިޔަކީ ހުރަވަޅި އެފްސީގެ ޔޫސުފެވެ.

ރޭގެ ދެވަނަ މެޗް ސްކޯޕިއަންސް އިން ކާމިޔާބުކުރީ އެފްސީ ޝެޑޯސް އާ ވާދަކޮށް ހަތަރެއް ދޭކުންނެވެ. ސްކޯޕިއަންސްގެ ހަތަރު ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަވީނެވެ. އެފްސީ ޝެޑޯސްގެ ދެ ލަނޑު ޖަހައިދިނީ އާދަމް އަދި އަޝްރަފެވެ.

ތިންވަނަ މެޗް ދޭއް އެކަކުން ސޮސް ބޯއީސް ކާމިޔާބުކުރީ އެފްސީ ހޯޕްއާ ވާދަކޮށެވެ. ސޮސް ބޯއީސްގެ ދެ ލަނޑުވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝައްފާނެވެ. އެފްސީ ހޯޕްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވިފާގެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް މިރޭވެސް ކުރިއަށްދާނެއެވެ.