ޚަބަރު

ވެސްޓް ޕާކު ސަރަޙައްދުގައި ހަދާފައިވާ މާރުކޭޓުން ގޮޅި ދޫކުރަނީ


ވެސްޓް ޕާކު ސަރަޙައްދުގައި ހަދާފައިވާ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ވެސްޓް ޕާކް ސަރަޙައްދުގައި ހަދާފައިވާ ވަގުތީ މާރުކޭޓަކީ ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ. ކަނބާއައިސާ ރަނި ހިނގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަޙައްދުގައި ހަދާފައިވާ މި މާރުކޭޓަކީ 50 ފޫޓު 100 ފޫޓުގެ މާރުކޭޓެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް ކައުންސިލުން އިއުލާނުކޮށްފައިވަނީ މިމަހުގެ 15ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ގޮޅިތައް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޢާންމުޚިދުމަތްތަކާއި ބެހޭބައި، ތައިސޭކޮށިން ފޯމު ފުރުއްވުމަށްފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ވެސްޓް ޕާކް ސަރަޙައްދުގައި ޤާއިމުކުރާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި އެތަނުގައި ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ހިލޭކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ދަނީ ވީހާވެސް އަވަހަކަށް މި މާރުކޭޓު ހުޅުވާ މިތަނުން އާންމުންނަށް ޚިދުމަތްދިނުމުގެ މަސައްކަތްކުރަމުންނެވެ.

ރަމަޟާން މަހާއި ގުޅިގެން މާލޭ ވެސްޓް ޕާކާއި ނޯތް ހާބަރު ސަރަޙައްދުގައި ވަގުތީ މާރުކޭޓު ޤާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށްރަށުން ތަކެތި ގެނެސްގެން ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމަށްޓަކައި ވިލިމާލޭގައިވެސް މާރުކޭޓެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

ރޯދަމަހާ ދިމާކޮށް އެކި ރަށްރަށުން ގެންނަ ކާބޯތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދާއިރު މާލޭގައި އަމިއްލަ ފަރާތްތަކުންވެސް ދަނީ މާރުކޭޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެގޮތުން މަޖީދީމަގާއި ދިލްބަހާރު މަގު ގުޅޭ ކަންމަތީގައި އަމިއްލަ ފަރާތަކުން ދަނީ ރޯދައަށް ބޭނުންވާ އެކި ބާވަތްތައް ވިއްކަމުންނެވެ.