ވިޔަފާރި

ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް އެޗްއާރއެސް އިންޓަނޭޝަނަލް


ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގެ ގޯލްޑް ޕާރޓްނަރަކަށް ހޮސްޕިޓޭލީ އެންޑް ރީޓެއިލް ސިސްޓަމްސް، އެޗްއާރއެސް އިންޓަނޭޝަނަލް ހަމަޖައްސައިފިއެވެ.

ޓީޓީއެމް ފެއާގެ ގޯލްޑް ޕާޓްނަރަކަށް އެޗްއާރުއެސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ހޮސްޕިޓޭލީ އެންޑް ރީޓެއިލް ސިސްޓަމްސް، އެޗްއާރއެސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފެވެ. އަދި ޓީޓީއެމް އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ ޑރ ހުސައިން ސަނީ އުމަރެވެ.

އެޗްއާރއެސް އިންޓަރނޭޝަނަލްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މީގެ އިތުރުން ވެސް ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓިންގ ގެ މަސައްކަތްތަކާއި ހާޑްވެއަރ އަދި ސޮފްޓްވެއަރ މަސައްކަތްތައް ވެސް މި ކުންފުނިންކޮށްދެއެވެ.
އެޗްއާރއެސް އިންޓަރނޭޝަނަލްގެ އިތުރުން ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް މޯލްޑިވްސް ގެޓަވޭސްއިން ހަމަޖައްސާފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސްއެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް ގެޓަވޭސް އިން ބުނީ މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް އަމާޒުހިފާފައިވާ ކަމަށެވެ.

ޓީޓީއެމް ފެއަރއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިވެންޓެކެވެ. ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް ފެއަރގައި ރާއްޖެއިން މިހާތަނަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ.
ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.