ޓުއަރިޒަމް

ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން އެމެރިކާ ސަފީރާއެކު މަޝްވަރާކޮށްފި

އެމެރިކާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްސް، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމެރިކާއަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުންކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ މާކެޓްތަކުގައި ޕްރޮމޯޓްކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް މިއަހަރު ވަނީ 3 ގުނަ އިތުރުކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ޙާއްސަ ކެންޕެއިންތަކެއް ފަށާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އަރަބި މާކެޓަށް އިޝްތިހާރުކުރުމަށް އަރަބިބަހުން ނެރޭ ފުރަތަމަ މެގަޒިން "އަލް ޖުޒްރު" ގެ ފުރަތަމަ އަދަދުވެސް މިހާރު ވަނީ ނެރެފައެވެ.

މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ހަތަރު ސަތޭކަ ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.