ވިޔަފާރި

އެމެރިކާ ކުރިމަތީގައި ކުޑަކަކޫއެއް ނުޖަހާނަން - ޗައިނާ


އެމެރިކާއިން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިޔަސް ޗައިނާއިން އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށް ޗައިނާއިން ބުނެފިއެވެ.

އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ނަގާ ޓެރިފް ނުވަތަ ޓެކްސް ބޮޑުކުރަމުންދާ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވުޒާރައިގެ ތަރުޖަމާނު ގެންގ ޝުއާންގ ވިދާޅުވީ ބޭރުގެ އެއްވެސް ފަރާތަކުން އަޅާ ފިޔަވަޅަކަށް ޗައިނާ ފަހަތަށް ނުޖެހޭނެކަމަށާއި އަދި ދޫވެސް ނުދޭނެކަމަށެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން އަނެއްކާވެސް ބޮޑުވެފައި މިވަނީ، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ތެރެއިން އިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް 10 ޕަސަންޓުން 15 ޕަސަންޓަށް ބޮޑުކުރުމަށް އެމެރިކާގެ ރައީސް މިދިޔަ ހުކުރު ދުވަހު ނިންމެވުމުންނެވެ.

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ގިނަ އަދަދެއްގެ މުދަލުން ނަގާ ޓެކްސް ބޮޑުކޮށްފައިވާއިރު، ޓެކްސް ބޮޑުނުކޮށް ހުރި މުދަލުންވެސް ކުރިއަށް އޮތްތަނުގައި ޓެކްސް ބޮޑުކުރުމަށް އެމެރިކާގެ ރައީސް ވަނީ ނިންމަވާފައެވެ. މި ފިޔަވަޅުތައް އެމެރިކާއިން އަޅަން ނިންމީ، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކުގައި އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ޗައިނާއިން އަމަލުކުރުމުންކަމަށް އެމެރިކާއިން ބުނެއެވެ.

މީގެ ކުރިން ޗައިނާއިން ވަނީ އެޤައުމުގެ އުފެއްދުންތަކުން ނަގާ ޓެކްސް އެމެރިކާއިން ބޮޑުކުރުމުން، ރައްދުގައި އެމެރިކާގެ އުފެއްދުންތަކުން ނަގާ ޓެކްސްވެސް ބޮޑުކޮށްފައެވެ. ނަމަވެސް މިފަހަރު އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅިގެން ޗައިނާއިން އަޅާނެ ފިޔަވަޅެއް އެޤައުމުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޗައިނާގެ ޚާރިޖީ ވުޒާރައިގެ ތަރުޖަމާނު ގެންގ ޝުއާންގ ވަނީ އެމެރިކާއިން އެޅި ފިޔަވަޅުތަކުގައި ރައްދުގައި ޗައިނާއިން އަޅާ ފިޔަވަޅު ބަލަން ތިބުމަށް ބުނެ، ވަރުގަދަ ރައްދެއް ދެއްވާފައެވެ.

ގެންގ ވިދާޅުވީ އެމެރިކާއިން ކިތަންމެ ވަރަކަށް ޗައިނާގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކުރިޔަސް މައްސަލަ ހައްލު ނުވާނެކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކުން ޗައިނާ ބިރު ނުގަންނާނެކަމަށާއި އެޤައުމަށް ލިބިގެންވާ ހައްޤުތައް ރައްކާތެރިކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ގެންގ ވިދާޅުވިއެވެ.
ޗައިނާގެ އެހެން ބައެއް އޮފިޝަލުން ވިދާޅުވީ އެޤައުމަކީ އަބަދުވެސް މަޝްވަރާއަށް ހުޅުވާލެވިފައިވާ ޤައުމެއްކަމަށާއި ނަމަވެސް އެޤައުމުގެ މަސްލަހަތާއި އިސްތިގްލާލް އަބަދުވެސް އިސްކުރާނެކަމަށެވެ. އަދި ޗައިނާއަށް ގެއްލުންވާނެ ގޮތަކަށް އެޤައުމުގެ ވެރިން ދުވަހަކުވެސް މަސައްކަތްކުރާނެކަމަށް އެއްވެސް ފަރާތަކުން ހީކޮށްގެން ނުވާނެކަމަށްވެސް ޗައިނާގެ އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅިގެން ޗައިނާގެ ޤައުމީ ޓީވީން ބުނެފައިވަނީ އެފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ އިޤްތިޞާދަށް ކޮށްފާނެ އަސަރަކަށް ސަރުކާރުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ގޮންޖެހުންތަކުން ފުރުޞަތުތައް ހޯދަން އެނގޭ ޤައުމެއްކަމަށާއި ފިއްތުންތަކާއި ކުރިމަތިލައިގެން ކާމިޔާބުހޯދައި، ޗައިނާ އިތުރަށް ވަރުގަދަވެގެންދާނެކަމަށް ޗައިނާގެ ޤައުމީ ޓީވީން ބުނެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފެށިފައިވާއިރު، ޖޫންމަހު ފަހުކޮޅު ޖަޕާނުގައި އޮންނަ ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވާ މިހާރު ކުރިއަށްދާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަކީ ގާތްކަމެއްކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ބުނެއެވެ.