ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ރޯމާއިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި


އިޓާލީގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ އުއްމީދު ރޯމާއިން ދަމަހައްޓައިފިއެވެ.

އިޓަލިއަން ސެރީއާގައި ރޯމާއާއި ޔުވެންޓަސް ވާދަކުރި މެޗު ރޯމާ ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. މެޗުގައި ރޯމާގެ ލަނޑުތައް ޖަހައިދިނީ އެލެސަންދްރޯ ފްލޮރެންޒީ އަދި އެޑިން ޒެކޯއެވެ.

ރޭގެ މެޗުގައި ޔުވެންޓަސްއިން ބޭނުންކޮށްފައިވަނީ އަންނަ ސީޒަންގައި އެޓީމުން ބޭނުންކުރަން ނިންމާފައިވާ ހޯމް ކިޓެވެ. ރޭގެ ނަތީޖާއާއިއެކު ރޯމާވަނީ ލީގުގެ ހަވަނައަށް ޖެހިލާފައެވެ. ތާވަލްގެ ހަތަރުވަނައިގައި އޮތް އިންޓަރ މިލާނާއި އެޓީމާއި ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

ތިންވަނައިގައި އޮތް އެޓްލާންޓާއާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ރޯމާ ނިކުންނާނީ ޕާމާ އަދި އޭސީ މިލާނާއި ދެކޮޅަށެވެ.

ސެރީއާގެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ޗެމްޕިއަން ޔުވެންޓަސް އަދި ނަޕޯލީންވަނީ އެއްވަނަ ދެވަނަ ޔަގީންކޮށްފައެވެ. ބާކީ އޮތް ދެ ޖާގައަށް ހަ ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ ރޯމާގެ އިތުރުން އެޓްލާންޓާ، އިންޓަރ މިލާން، އޭސީ މިލާން، ލާޒިއޯގެ އިތުރުން ޓޮރީނޯއެވެ.