ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގެ އަޑު އެހުން ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ކޮން ކަމަކާއި ގުޅޭ މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ތާވަލްގައި ބުނެފައިވަނީ އެއީ ޕީޖީ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ރައްދުވަނީ ރައީސް ޔާމީންއަށް ކަމަށެވެ. އަދި އެއީ ކޯޓު އަމުރަކާ ގުޅޭ މައްސަލައެއް ކަމަށެވެ.
ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައާ ގުޅިގެން ކްމިނިލްކޯޓުން ކުރިން ދެ އަމުރެއް ނެރެފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ނެރުނު އަމުރާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރިނަމަވެސް އެ ދެ އަމުރުވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުރާފުވެޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދައުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެމައްސަލާގައިވެސް ދަޢުވާ ކުރުމަށް އެދި ފުލުހުންވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ
ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ، އާއި ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ، އާއި ފަނޑިޔާރު އަބްދުﷲ ދީދީ، އާއި ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު ހިމެނޭހެން އެކުލަވާލާފައިވާ ބެންޗަކުންނެވެ.