ޚަބަރު

ޗައިނާއިން ރާއްޖެއަށް 64.5 މިލިއަން ރުފިޔާގެ އަސްކަރީ އެހީއެއް


ޗައިނާ ސަރުކާރުން ރާއްޖެއަށް ސައްބީސް މިލިއަން ޔުއާން ނުވަތަ 64.5 މިލިޔަން ދިވެހިރުފިޔާގެ އަސްކަރީ އެހީ ފޯރުކޮށްދިނުމުގެ އެގްރީމެންޓެއްގައި ދެގައުމުގެ ފަރާތުން ސޮއިކޮށްފިއެވެ.މިކަމައްޓަކައި ކޯސްޓްގާޑް  ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނަރަލް ރިޓާޔަޑް މޫސާ އަލީ ޖަލީލްއެވެ.ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ވަންގ ފުކާންގއެވެ.އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން  ވަންގ ފުކާންގ ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ އާއި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ގޮތުގެ މަތީން ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޑިފެންސް ދާއިރާވެސް ހިމެނޭ ގޮތަށް އޮމާންކަމާއެކު މަސައްކަތް ކުރައްވާން ބޭނުންފުޅުވާކަމަށާއި، މިއަދު ސޮއިކުރެވުނު މިލިޓަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެގްރީމެންޓްގެ ސަބަބުންވެސް ޗައިނާއާ ރާއްޖެއާ ދެމެދުއޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ދެގައުމުގެ ޑިފެންސް މިނިސްޓްރީން ވާހަކަދެކެވިފައިވާ ގޮތުގެ މަތީން ރާއްޖެއަށް ބޭނުންވާ މެޑިކަލް އެމްބިއުލާސްތަށް ވީއެންމެއަވަހަށް ރާއްޖެގެނެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.